ތިރީގައި މިވަނީ، ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް މަޝްހޫރު ވާހަކަ ލިއުންތެރިޔާ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.
*****
(ފުރަތަމަ ބައި)
އެއީ 1962 ވަނަ އަހަރެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 14 އަހަރެވެ. އަހަރެމެންނަކީ މާތަނަވަސްބައެއް ނޫނެކެވެ. ނަމަވެސް މަންމައާއި ބައްޕައާއިއެކު އަހަރެމެންގެ އާއިލާ އުޅެމުންއައީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ބައްޕައަކީ ރަށުގައި އަރަމުން އަންނަ ވަޑިއެކެވެ. އަހަރެންގެ މަންމައާއި ބޮޑުދައިތަގެ އޮޅެއް ކާޑެއްދޫގައި އޮވެއެވެ. އޮޅުގެ އިތުރުން މަންމަމެން ދަނޑުވެރިކަމުގެ އެކި ބާވަތްތަށް ހައްދައެވެ. ބޮނބިތަޅާ ރޯނުވަށައެވެ. ކާޑެއްދޫއިން ގެންނަ ފަން ރޭގަނޑު ނިދުމުގެކުރިން ވިއެއެވެ. އަހަރެން މަކުތަބުން ނިމުމުން ދަނީ މަންމަމެންނަށް އެހީވުމަށް ކާޑެއްދޫއަށެވެ. އަހަރެމެންގެ ރަށާއި ކާޑެއްދޫ އޮންނަނީ ވަރަށް ކައިރީގައެވެ. ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެ ރަށުގައި ދަނޑުވެރިކަންކުރާތީއާއި ދެރަށް ކައިރިކަމުން އިރުއިރުކޮޅުން ދެރަށް ދެމެދު ބޮއްކުރާ ފަހަރު ދަތުރުކޮށް ހަދައެވެ.
މަކުތަބުން ނިމިގެން އަހަރެން ގެއަށް އައީ އުފާވެރި ހިޔާލުތަކެއްގައެވެ. ކޮރަމުން ފުމެމުން ބަންޖެއް ކިޔަމުންނެވެ. ގެއާއިހަމައަށް އާދެވުނުއިރު ޖެހިގެން ހުރި ގޭގެ ހައްވައްތަ ކަތިވަޅިތަކަކާއި އުދެއްޔެއް ހިފައިގެން ގެއިން ނިކުތްތަން ފެނުނެވެ.
"ހައްވަދައިތާ! ކާޑެއްދޫއައްތަ؟ މަގޮވަައިގެންދޭ!" އަހަރެންވެސް ގޮވައިގެން ކާޑެއްދޫއަށް ދިއުމަށް ހައްވައްތަގެ ކިބައިން އެދުނީމެވެ. އަވަސްކުރާށޭ ބުނެ ހައްވައްތަ ގޮވާލުމުން އަހަރެން ގޭތެރެއަށްވަދެ ލައިގެންހުރި ހެދުންބުރި ބަދަލުކޮށް ތަންކޮޅެއް ބައު ހެދުންބުރިއެއް ލައިގެން ނިކުމެ ހައްވައްތައާއިއެކު އަތިރިމައްޗައް ހިނގައިގަތީމެވެ. ވަކިހިސާބަކުން އަހަރެންގެ ބަނޑު ކައްކައިގަތެވެ. ނަމަވެސް މާބޮޑު އުނދަގުލެއް ނުވާތީ އަތިރިއަށް ދާކަށް ގަސްތެއް ނުކުރަމެވެ.
އަހަރެމެން އެރުމާއިއެކު ބޮއްކުރާގަނޑު ފުންކުރުމަށް ކަނބައިގަތެވެ. ފަނަރަ ވަރަކަށް މިނެޓް ފަލިޖަހާފައި ކާޑެއްދޫގެ ދޮންވެލި ގޮނޑުދޮށަށް ބޮއްކުރާ ބީއްސާލިއެވެ. ރަށުންގެނައި ބައެއްސާމާނު އަޅާފައިއޮތް މުޅޯއްޓެއް ހައްވައްތައަށް އެހީތެރިވުމުގެގޮތުން އަހަރެންގެ ކިހިއްޔައް ޖެހީމެވެ. އަދި ދެމީހުން ދަނޑުތަކާ ދިމާލަށް ހިނގައިގަތީމެވެ. ހައްވައްތަގެ އޮޅު އޮންނަނީ މަންމަ އާއި ބޮޑުދައިތަގެ އޮޅާ މާދުރެއްގައެއް ނޫނެވެ. މަޑު ހިނގުމެއްގައި އެކި ވާހަކާގައި ހީ ސަމާސާކުރަމުން އަހަރެމެންނަށް އެހިސާބައް ދެވުނީ އާއްމުކޮށް އެހިސާބަށް ދެވޭވަރަށްވުރެ ލަސްކޮށެވެ. އަމުދުން ހައްވައްތަގެ "ދިއުޅި" ދިގީއެވެ. މަގުމަތިންނާއި ދަނޑުތަކުތެރެއިން އަނގަތަޅާއިނުލާ މީހަކު ހައްވައްތައަށް ދިމާނުވަނީއެވެ. ހައްވައްތަގެ އޮޅާއި ހިސާބަށް ދެވުމުން އަހަރެން ކިހިލީގައި ޖެހި މުޅޯށި ބިންމަތީގައި ބަހައްޓާފައި މަންމަމެން ގާތަށް ދަނީއޭ ބުނެ ހިނގައިގަތީމެވެ.
ތަންކޮޅަކަށް ދެވުނުތަނާ އަނެއްކާވެސް އަހަރެންގެ ބަނޑު ކައްކާލައިފިއެވެ. މިފަހަރު ތަންކޮޅެއް ގަދަޔަށެވެ. ކައިރީގައިހުރި ރުކެއްގެ ބުޑުގައި ދެފައި ފިއްތައިގެން ބަނޑު ހަމަޔަކަށް އެޅިލަންދެއް މަޑުކޮށްލީމެވެ. ހަމައެވަގުތު ތަންކޮޅެއް ދުރުން އަހަރެން ފެނިގެން މަންމަ ގޮވާލިއެވެ. "ކާކަށްތަ ތިޔަ ފިލަނީ! ކުޅެންނޫޅެ ނިކަން މި ހިފަހައްޓަދީބަލަ!" އަޑުއައި ދިމާލަށް ބަލާލިއިރު ގޯއްޏަކަށް އަލަ އަޅައި އެގޯނި ގޮއްޖަހަން މަންމަ އުޅެނީއެވެ. އޭރު ބަނޑުވެސް ކޮންމެސް ވަރަކަށް ހަމަޖެހިއްޖެއެވެ. އަހަރެން މަޑުމަޑުން މަންމަގެ ކައިރިއަށްގޮސް ގޯނިގަނޑު ގައި ހިފެހެއްޓުމުން މަންމަ ގޯނީގެ ތުން ބަނދެފިއެވެ.
ޖެހެމުންދިޔަ މަޑުވައިރޯޅި ގަދަވާންފެށީ ހުޅަނގުކޮޅުން ނެގި ފުސް ވިލާ ގަނޑަކާއި އެކުއެވެ. އެއާއިއެކު ދަނޑުތަކުގައިތިބި ބައެއް މީހުން ރަށަށްދިއުމަށް އަވަސްވެގަތެވެ. އަހަރެންގެ މަންމައާއި ބޮޑުދައިތަގެ އިތުރުން ބައެއް އެހެން ދަނޑުވެރިން "ތިޔައީ އޮއެކަޅޭ!" ބުނެ މަސައްކަތައިގެން މަސްއޫލު ވެއުޅުނެވެ. އަހަރެންހުރީ ބޮޑުކަމު ދާންވެފައި ނަމަވެސް ކާޑެއްދޫގައި މަސައްކަތުގޮސްއުޅޭ ފިރިހެންވެރިން އިރުއިރުކޮޅުން ގޮނޑުދޮށަށްފައިބާ އުޅޭކަމުން އަހަރެންހުރީ އަތިރިޔަށްދާން ޖެހިލުންވެފައެވެ. ނެގި ވިލާގަނޑާއިއެކު ރަށައްފުރަން އެތިބަދާ މީހުންފެނިފައި އަހަރެން ދަނޑިވަޅުގެ ބޭނުންހިފީމެވެ. މަންމަގާތު " އަތިރިޔަކަށް ދާންވެގެންނޭ!" ބުނެ އަހަރެންވެސް ރަށަށްފުރާ ބޮއްކުރައަކަށް އެރީމެވެ. އޭރު އަހަރެމެންނަށްވުރެ ކުރިން ފުރި ބައެއް ބޮއްކުރާ ތަކުގައިތިބި މީހުން ކަންބޮޑުވެ ހާސްވެގެން އުޅޭތަން ފެނެއެވެ.
ތަންކޮޅެއް ކައިރީގައި އޮތް ބޮއްކުރައަކުން އަންހެނަކު ރޯއަޑުވެސް އިވެއެވެ. އަހަރެން އިން ބޮއްކުރާ ކަނބަންހުރި ފުތު ތަންކޮޅެއްބާރަށް "ކިޔެއްވީހޭ!" ގޮވާލުމުން ޖަވާބުގައި " ދިވެހި ދިދަނެގި އުޅަނދެކޭ އެޔޮއް އަންނަނީ! ތުރާލަކަށް ނޫނީ ނުވާނެ!" އޭބުނެ އިޝާރާތުން އެ އުޅަނދު އަހަރެމެންނަށް ދައްކާލިއެވެ. އެންމެނަށްވެސް ބޭއިޚްތިޔާރުގައި ބަލައިލެވުނީ އެދިމާލަށެވެ. އަހަރެންނަށް މިއީ މާބޮޑު ކަމަކަށް ނުވިޔަސް ބޮއްކުރާގައިތިބި ހަރުކުލައިގެ މީހުން ތުންތަޅުވަން ފެށިއެވެ. ޖެހިގެން އިން ކަމަނަދައިތަ ގައިގައި ކޮށްޓާލައިފި "މިވަނީ ކިޔެއްހޭ!" އަހަރެން ސުވާލުކޮށްލީމެވެ. ޖަވާބުގައި "ކޮޔާ އެމީހުން އެއަންނަނީ އަހަރެމެންގެ ރަށް ފަތަހަކުރާށޭ!" ބުންޏެވެ. ކަމަނަދައިތަގެ އަޑުގައިހުރި އަޅައިގަތުމާއި ހާސްކަމުން ކަމުގެ އިތުރުން އުނގުގައި އިން ހަތްވަރަކަށް އަހަރުގެ ހުސޭނު ބޮލުގައި ބޮސްދީ ގަޔާލައި ބޮނޑިކޮށްލިގޮތުން މިކަމުގައި ހުރި ހައްސާސްކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. ފުތުބެ ކަށިން ހިތްވަރުނެރެ އަތުގައިހުރި ބާރެއްލާފައި ރިތުން ކަނބައިގަތެވެ. އެ އުޅަނދަށް ނުފެންނާނޭހެން ބޮއްކުރާ އަނބުރާލާފައިގޮސް ބަރާސިލާ ދިމާލަށް ބޮއްކުރާ ގާތްކުރުމުން އެންމެން މޫދަށް ފުންމާލައިގެންގޮސް ރަށަށް އެރިއެވެ.
ރަށުގެ ގޮނޑުދޮށައް އެރުމާއިއެކު ނަގޫޖެހިތާގައި ބޯޖަހާފައި އެމީހަކު ގެޔަކަށް އެމީހަކު ދުއްވައިގަތެވެ. އަހަރެންވެސް ދުވެފައި ކަހަލަގޮތަކަށް ގޭދޮށަށް ދުއްވައިގަތީ ލައިގެންހުރި ހެދުންބުރިން ތެތްފޮޅަމުންނެވެ. ދުވެވުނުލެއް ބާރުކަމުން އަނެއްކައިވެސް އަހަރެން އަތިރިޔަކަށް ދާންޖެހުނެވެ. ރަށުގައި އަހަރެމެން އަތިރިޔަށް އެރިހަދަނީ އަންހެންވެރިން އަތިރިޔަށް ދިއުމަށް ހާއްސަ ކޮއްފައި އޮންނަ ހިސާބަށެވެ. ނަމަވެސް ވާނުވާނޭގނި, ގަނެފައި ހުރި ބިރާއި ހާސްވެފައި ހުރިލެއް ބޮޑުކަމުން އަހަރެންނަށް ގޮނޑުދޮށަށްދާކަށް ނުކެރުނެވެ. ގޭތެރެޔަށްވަދެ ބޮނދައި އޮވެވުނީއެވެ. ރަށުތެރޭގައި މީހުން ދުވާއަޑާއި ކައިރި ގެތަކުން މީހުން ރޯއަޑު އަހަރެންނަށް އިވެމުން ދިޔައެވެ. އަދި ބައެއްފަހަރު ބައެއް ފިރިހެންވެރިން ހަޅޭލަވައިގަނެ ކޮންމެވެސް އެއްޗެކޭ ކިޔާއަޑު ސާފުކޮށް ނޫންނަމަވެސް އިވެއެވެ.
އަހަރެންނަށް ގިސްލެވެން ފެށުނެވެ. އެކަނިވެ ބިރުގެންފައި ހުރިވަރު ބޮޑުކަމުންނެވެ. އަދި މިކަހަލަ ތަޖުރިބާއެއް ދުވަހަކުވެސް ނުކުރާކަމުންނެވެ. އުމުރުން 14 އަހަރުވީއިރު މިފަދަ ހިތްދަހި ބިރުވެރިކަމަކާއި ކުރިމައްޗެއް ނުވެއެވެ. ދާދި ދެއްމެއަކާއި ހަމަޔަށް އަހަރެން އުޅުނީ އުފާވެރިކަމުގެ ބަގީޗާއެއްގައެވެ. ހިޔާލެއް ފިކުރެއްނެތި މިނިވަން ޖައްވެއްގައި އުދުހި އުދުހިއެވެ. ގޭތެރޭގައި ރޯނުފުރާފައިހުރި އެނދެއް ދަށުގައި ގިސްލަން އަހެރެންނަށް އޮވެވުނީ ކިހާއިރަކުކަމެއް ނޭގުނެވެ. ކުއްލިޔަކަށް އަހަރެންގެ މަންމަ ރޮމުން ހޭރެމުން ކަހަލަގޮތަކަށް އަހަރެންނަށް ގޮވަމުން އައިސް ގެޔަށް ވަނެވެ. މަންމަގެ އަޑަށް އަހަރެން ލޫދެމުން އެދުދަށުން ނިކުމެ މަންމައާއި ދިމާލަށް ދުއްވައިގަތީމެވެ. މަންމަވެސް "މާގޭ ދަރިޔާ! އަހަރެމެން މަރައިފިޔޭ! ހެޔޮނުވާނޭ! މިއީވެސް ހަމަ އިންސާނުންނޭ!" ކިޔާ ރޮމުން އަހަރެން ގައިގައި އޮޅުލައިގަތެވެ.
މަންމަ އަހަރެންގެ އަތުގައި ހިފައިގެން އެތެރެގެޔަށްވަދެ ދޮރުތައް ތަންޑުއެޅުވިއެވެ. ދެމައިން ގޭގެ އެއްކަނަކަށް ބިއްޖެހި އުޑުފައިންއިށީދެ އޮޅުލައިގަނެގެންތިބީ ރޯށެވެ. މިހާރު ރަށުތެރެއިން އިވެމުންދަނީ މީހުން ރޯއަޑާއި ހަޅޭކުގެއަޑެވެ. ރަށުތެރޭގެ ބިރުވެރިކަން އިހުނަށްވުރެ މިހާރު ގަދަކޮށްފިއެވެ. އަހަރެމެންގޭ ކައިރިންވެސް މީހަކު ދަމުން "މަރާފިއޭ! މަރާފިއޭ!" ގޮވަމުން ދާއަޑުއިވެއެވެ. އަހަރެމެން ދެމައިން ގަނެފައިތިބި ބިރުން ބޭރުގައި ހިނގާކަމެއް ބަލައިލަން ނުކެރިފައި ތިބީއެވެ. 40 އަހަރުން މަތިވެފައި އިން އަންހެނަކާއި 14 އަހަރުގެ އަންހެން ދަރިއެއް ރައްކާތެރިކުރާނެ ފިރިހެނެއްގެ އަތެއްނެތި ރޯލަ ރޯލާތިއްބާ ކުއްލިޔަކަށް ވަރަށްބާރަށްޖެހި ގުގުރީގެ އަޑު ފަދައިން އަޑުފައްގަނޑެއް އިވުނެވެ. އެއްފަހަރު ދެފަހަރަކުނޫނެވެ. ބިރުން ފިތްކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. އެއާއިއެކު ރަށުތެރެއިން މީހުން ރޮއިގަތްއަޑާއި ހަޅޭލަވައިގަތް އަޑު އިވުނެވެ.
ކުއްލިޔަކަށް މީހަކު ދޮރުގައި ތަޅާގަތްއަޑަށް އަހަރެމެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންނަށް މަންމަގެ ގައިގައި އޮޅުލައިގަނެ ގިސްލަމުން ކުކުރަން ފެށުނެވެ. "ސަންފާ! ސަންފާ! ދަރިފުޅާ! ސުރައްޔާ! ދަރިފުޅާ! މީހަކު މިތާއެބައުޅޭތަ؟" އަހަރެންގެ ބައްޕަ އަނެއްކާވެސް ދޮރުގައި ތަޅައިގަތެވެ. އެތެރެއިން މަންމަ ދުވެފައިގޮސް ތަންޑު ނެއްޓިއެވެ. އަދި ބައްޕަ ގޭތެރެޔަށްވައްދާ އަލުން ތަންޑު އެޅުވިއެވެ. "ހަސަނާ! ކިހިނެއްވީ؟ ކީއްމިވަނީ؟" މަންމަ ބައްޕައާއި ސުވާލު ކުރަންފެށިއެވެ. ބައްޕަވެސް ހާސްވެފައި ހުރިވަރުން ބައްޕައަށް ވާހަކަދެއްކުނީ އިރުކޮޅެއް ފަހުންނެވެ. "ސަންފާ! ދިވެހި ދިދަނެގި ދޯނިން ބަޑިޖަހަނީ! ރަށުގެ ވެރިން އެންގީ އަވަހަށް ގަލުންރާނާފައި ހުރި ގެތަކަށްވަދެ ރައްޔިތުން ސަލާމަތްތެރިކަން ހޯދުމަށް!" ބައްޕަ ބުންޏެވެ.
ރަށުތެރެއިން އަޑުފަށްގަނޑު މަޑުވެލުމުން އެންމެ ކައިރީގައި ގަލުން ރާނާފައި ހުރި ގެޔަށް ބައްޕަ އަހަރެމެން ދެމައިން ގެންދިޔައެވެ. އަދި "އެބަ އަންނަމޭ! ހުޝިޔާރޭ! ނަމަ ނަމަ މިތަނުން އެހެންތާކަށް ނުދައްޗޭ!" ބުނެ ނިކުތީ ބޭރަށެވެ. އަހަރެންނާއި މަންމަ އަނެއްކާވެސް އެކަނިވީއެވެ. ވަށައިގެންވާ މާހައުލަށް އަހަރެންނަށް ނަޒަރު ހިންގާލެވުނީ ދެނެވެ. މުޅި ގޭތެރޭގައި އެހިސާބުގެ އަންހެންވެރިންނާއި ކުޑަކުދިންގެ އިތުރުން މުސްކުޅިން ހިމާޔަތެއްލިބޭތޯ ޖަމާވެފައި ތިއްބެވެ. އެންމެންގެ ލޮލުންތިބީ ކަރުނަ ހިލިފައެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ބިރުގަނެފައިތިބި ކުލަވަރެވެ. ގިސްލުމާއި ކުޑަކުދިން ރޯއަޑުން މުޅި ގޭތެރޭގެ މާހައުލަށް ވަނީ އިތުރު ހާސްކަމާ ބިރުވެރިކަމެއް ގެނުވާފައެވެ.
އަހަރެން އަތިރިޔަކަށް ދާންވެއްޖެ ކަމުގައިބުނެ މަންމަ ކައިރީގައި ކިޔަންފެށީ އިތުރަށް ކެތްނުވާނެކަން އެނގޭތީއެވެ. އެހާއިރު އަހަރެންނަށް އަތިރިޔަށް ނުގޮސް އިނދެވުނެއްކަމަކު ދެނެއް އަހަރެންނަކަށް ނުވާނެއެވެ. ބައްޕަ އަންނަންދެން މަޑުކުރުމަށް މަންމަ އެދުނު ނަމަވެސް އަހަރެންނަށް މަޑުކުރެވޭވަރަށްވުރެ ގޯހެވެ. އަހަރެންގެ ހާސަރު ކުރުނުކުރުމުން އެންމެފަހުން މަންމަ އަހަރެން ގޮވައިގެން ގޭގެ ވަލުފަރާތުމަގުން ގޮނޑުދޮށައްދާން ހިނގައިގަތެވެ. ނަމަވެސް މަންމަގެ ފައި އޮޅީގައި އެޅުނުގޮތުން ކަހާލައިގެން ވެއްޓުނެވެ. އެއާއެކު އެރި ތަދުން މަންމައަށް ހިނގައިގަންނަން އުނދަގޫވިއެވެ. އެންމެފަހުން އަހަރެން އަތިރިޔަށް އެރެންދިޔައީ އަހަރެމެންގެއާއި އިންވެގެންހުރި ހައްވައްތަގެ ޒުބޭދާ އާއިއެކުއެވެ. އެއީ ޒުބޭދާވެސް ހުރީ އަތިރިޔަށްދާން ބޭނުން ވެފަކަމަށް ވާތީއެވެ.
ވަލުފަރާތު ދޮރުންނުކުމެ އަހަރެމެން ހިނގައިގަތީ މަންމަ ހޭހަންކުރުމަށް ގޭތެރޭގައިތިބި މީހުން އުޅޭތީއެވެ. އަދި އެވަގުތު ދިވެހި ދިދަނެގި އުޅަނދުން ޖަހަމުންގެންދިޔަ ބަޑީގެ އަޑުވެސް ނުއިވޭތީއާއި އެކުއެވެ. ބޮނބިއަޅަންދާމީހުން ފުނަވަލުތެރެއިން ގޮނޑުދަށަށް ކޮށާފައިއޮތް ހަނިމަގުން ދުވަމުން ކަހަލަގޮތަކަށް އާދެއެވެ. އަހަރެމެން އަތިރިޔަށްއެރިގެން އަވަސްވެގަތީ ކުރިންވެސް ހިމާޔަތް ލިބިގަތުމަށް ވަދެތިބި ގެއާއިދިމާލަށެވެ. ގޮނޑުދޮށުން އެއްގަމަށް އެރުނީ ހަމަ ކިރިޔާއެވެ. ބަޑީގެ އަޑުފައްގަނޑުން މުޅި ރަށް ގުގުމާލިއެވެ. ރުއްތަކުގައިތިބި ކާޅުތަކަށް ހީވީ ބިރެއް ފެނުނުހެނެވެ. ރަށްމަތިން އުދުއްސައިގަތީ ނެރެވުނު އެންމެ ބާރަށް އަޑުނެރެ ގޮވަމުންނެވެ. ބަޑިޖަހަންފެށި އަޑާއިއެކު ޒުބޭދާ ދުއްވައިގަތްނަމަވެސް އަހަރެން ހުރިތަނަށް ގައުވިއެވެ. (އަދި ނުނިމޭ)
ވާހަކަ ކިޔަމުންދާ ވަރަކަށް ޝައުގުވެރިކަން އައީ ބޮޑުވަމުން
މިކަހަލަ ހަގީގީ ކިަތްނމެ ކަމެއް މި ގައުމުން ނެގޭނެ އެފަދަ ވާހަކަތައް އަހަރެމެންނާާ މާބޮޑަށް ގުޅިފަ ސަގާފަތާ އެއްގޮތް ކަންތައް ހުރީމަ ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެ ނޫންތޯ. ވަރަށް ސަޅީ ވަރަށް ކިޔާހިތްވޭ އަނެއްބައިގެ އިންތާޒުގަ އެބަހުރިން
ރާއްޖޭގެ ތާރީޚްގައި ހިނގާފައިވާ މި ހާދިސާ އޮޅުންފިލުވުމަށް ވާހަކައެއްގެ ގޮތުގައި މި ވާހަކަ އޮތްނަމަވެސް މިއީ ތާރީޚަށް މުހިންމު ރައްޔިތުންނަށް ވަރަށް މުހިންމު ވާހަކައެއް.
މިއީ މިޒަމާނުގެ ކުދިންނަށް ކިޔާލަން ވަރަށް ރަނގަޅު މުހިންމު ވާހަކައެއް