މިހިނގާ 2022 ވަނަ އަހަރު ބީއެމްއެލް ސްކޮލަރޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ 3 ދަރިވަރުންގެ ނަން ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.
މި ސްކޮލަރޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ހިމަނައިގެން ދޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެއެވެ.
ސްކޮލަޝިޕް ލިބުން ދަރިވަރުން:
- އަޙްމަދު ނިސާލް ޢަބްދުﷲ
- އާމިނަތު މައިސާ ނިޔާޒު
- އިސްމާޢިލް ޒަކްވާން ޝިހާދު
މި ފަންޑު ލިބުން ދަރިވަރުންނަށް މަރުހަބާދަންނަވައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، ބީއެމްއެލްއިން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތަޢުލީމީ، ގާބިލް ޒުވާން ދިވެހި 3 ދަރިވަރުންނަށް ލިބިގެންދާކަމީ ލިބޭ ފަހުރެއްކަމަށެވެ.
ޓިމް ވިދާޅުވީ، މި ސްކޮލަރޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑަރޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށާާއި، ތައުލީމީ ގޮތުން ވަރަށްވެސް މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ ލީޑަރޝިޕް ދައްކުވައިދޭ ހުނަރުވެރި ޒުވާނުން ހޮވުނުކަމީ ބީއެމްއެލްއަށް ލިބޭ އުފަލެއްކަމަށެވެ.
ވަރަށް ވާދަވެރިކޮށް ދިޔަ މި ސްކޮލަރޝިޕް ފަންޑު ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ މަތީ ތައުލީމް ހާސިލްކުރުމަށްފަހު ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.
ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި ނޮވެމްބަރު 2021 ގައި ތައާރަފްކުރި ފަންޑެކެވެ.