ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ރާއްޖެ އިން އިސްނަގައިގެން ހުށަހެޅި ގަރާރު އދގެ އާއްމު މަޖިލީހުން ފާސްކޮށްފިއެވެ.

ދިވެހިރާއްޖެއާއިއެކު، މި ޤަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅި ކޯ ގްރޫޕްގައި ހިމެނެނީ އެލް ސަލްވަޑޯރ، އެރިޓްރެއާ، ގްރެނާޑާ، ގަޔާނާ، ކެންޔާ، ލެޓްވިއާ، ލުބްނާން، މޯލްޓާ، ޤަތަރް، ސެންޓް ލޫޝިއާ އަދި ދެކުނު އެފްރިކާއެވެ.

މި ގަރާރު ފާސްވުމާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަސް ފާހަގަކުރާނީ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީގެ ގޮތުގައެވެ. މި ޤަރާރު އެކުލަވާލުމުގެ މަސައްކަތް ފެށުނީ އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބާއްވަވަމުން ގެންދަވާ "ހޮށުއަޅި ޑައިލޮގްސް" މަޝްވަރާ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައެވެ.

މި ޤަރާރު އދގެ މަޖިލީހަށް ހުށަހެޅުއްވީ އދއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. ޤަރާރު ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގަ ތިލްމީޒާ ވިދާޅުވީ، މިއީ ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އަންހެނުންނަށްވެސް ޑިޕްލޮމެސީގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އަދި އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު ހުންނެވި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، މިންތީގެ ހަމަހަމަކަމަށް އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ފޮރިން މިނިސްޓަރގެ ހައިސިއްޔަތުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޤަރާރު ފާސްވުމާ ގުޅިގެން އާއްމު މަޖިލީހާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ އަންހެން ޑިޕްލޮމެޓުން ސުލްހައަށް މަޝްވަރާކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކޮށް، ނުރައްކަލާ ތުރާތައް ގިރާކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށާއި، އެކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ޚާއްސަ ދުވަހެއް ކަނޑައެޅިގެން ހިނގައްޖެ ކަމަށެވެ.

އދގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަމީނާ މުހައްމަދު އާއްމު މަޖިލީހުގައި ވާހަކަ ދައްކަވަމުން، ވަނީ މިކަމުގައި ރާއްޖެއިން އިސްނެގިކަމަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ.

ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންގެ ބައިނަލްއަޤްވަމީ ދުވަސް ފާހަގަކުރުމުގެ ޤަރާރު 191 ޤައުމަކުން ކޯ ސްޕޮންސަރ ކުރިއިރު، 85 ޤައުމަކުން ވަނީ ޤަރާރުގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނިފައެވެ.