އަންނަމަހު އިނގިރޭސިވިލާތުގައި ބާއްވާ ކޮމަންވެލްތް ގޭމްސްގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމުގެ ސްކޮޑު އިއުލާނުކޮށްފިއެވެ.

ބާމިންހަމްގައި ކުރިއަށްދާ މި ގޭމްސްގައި ވާދަކުރާ ގައުމީ ސްކޮޑުގައި ކްލަބްތަކުގެ ކުޅުންތެރިންވެސް ހިމެނޭނެއެވެ. އެގޮތުން ސްކޮޑުގައި ހިމެނެނީ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ، މުހައްމަދު އަޖުފާން ރަޝީދު، ނިބާލް އަހުމަދު، އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު އަދި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު އެވެ. މީގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބް ތެރެއިން ގައުމީ ސްކޮޑަށް އައި ކުޅުންތެރިންނަކީ މުހައްމަދު ޒަޔާން ޝަހީދު ޒަކީ އަދި ރިޝްވާން ޝިޔާމް އެވެ.

މިއީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި، މަޑަގަސްކަރާގައި އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ކްލަބްތަކާ ގުޅިގެން ގައުމީ ބެޑްމިންޓަން ޓީމެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ފެށުމެއްގެ ގޮތުން ކުރި ކަމެކެވެ.

ބެޑްމިންޓަނުގެ އިތުރުން ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ދެން ވާދަކުރަނީ ޓީޓީ އަންހެން ޓީމާއި ޓީޓީ ކުޅުންތެރިޔާ، މޫސާ މުންސިފް، ބީޗްވޮލީބޯޅަ، އެތުލެޓިކްސް އަދި ސްވިމިން އެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅިއެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެއެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅުން އެއީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދަށްވާއިރު، އެކަން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ.