މިދިޔަ ހަފްތާ ބަންދުގައި ފެށި ފީނާ ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތުގެ ތެރެއިން، މުބާރާތުގައި ވާދަކުރާ ގައުމީ ސްވިމިންގ ޓީމުގެ ސްކޮޑުގައި ހިމެނޭ އައިޝަތު ސައުސަން އާއި މުބާލް އައްޒާމް އިބްރާހިމް، ގައުމީ ފެތުމުގެ ރެކޯޑެއް އައުކޮށްފިއެވެ.

ހަންގޭރީގެ ބުޑަޕެސްޓުގައި މިދިޔަ ހުކުރު ދުވަހު ފެށި މި ވޯލްޑް ޗެމްޕިއަންޝިޕުގައި، 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް މުބާލް ވަނީ ގައުމީ ރެކޯޑް އައުކޮށްފައެވެ. އެއީ 05.14.91 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.

މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އައު ކުރީވެސް މުބާލްއެވެ. މިފަހަރު އޭނާ ރެކޯޑް އައުކުރީ 20.50 ސިކުންތުގެ ކުރިއެރުމަކާއި އެކުއެވެ.

މީގެކުރިން މުބާލް ރެކޯޑު އައުކުރީ 2018 ވަނަ އަހަރު، އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަމްގައި ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައެވެ. އެ މުބާރާތުގައި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް މުބާލް ފުރިހަމަ ކޮށްފައިވަނީ 05.35.41 އިންނެވެ.

މުބާލް ވަނީ މި މުބާރާތުގައި ފިރިހެނުންގެ (ލޯންގ ކޯސް) 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑުވެސް އައުކޮށްފައެވެ. މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ 02.36.74 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓް އެންމެ ފުރަތަމަ ފަތާފައިވަނީ 2019 ވަނަ އަހަރު ބޭއްވި 10 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އަޙްމަދު އައްޒާން ޒާހިދެވެ. އެ މުބާރާތުގައި 200 މީޓަރ ބަޓަރފްލައި އިވެންޓް އައްޒާން ފުރިހަމަކޮށްފައިވަނީ 03.03.11 އިންނެވެ.

މީގެއިތުރުން މުބާރާތުގައި ވާދަކުރާ ގައުމީ ސްކޮޑުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ފެތުންތެރިޔާ ސައުސަން އައުކުރީ އަންހެނުންގެ ލޯންގ ކޯސް 100 މީތަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ މިފަހަރު ރޭސް ނިންމީ 1 މިނެޓު، 18.76 ސިކުންތުންނެވެ. އެންމެފަހުން މި ރެކޯޑް އައުކުރީވެސް ސައުސަން އަށްވާއިރު، އެއީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައެވެ. އެ ފަަހަރު ސައުސަންގެ ޓައިމިން އަކީ 01.18.96 އެވެ.

މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ސައުސަން އާއި މުބާލްގެ އިތުރުން، ދެން ރާއްޖޭން ވާދަކުރާ ފެތުންތެރިންނަކީ ހަމްނާ އަހުމަދާއި މުހައްމަދު އާން ހުސެއިން އެވެ.

އެންމެފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނުނުނީ ހަމްނާ، ސައުސަން، އާން އަދި އިމްއާން އެވެ. މިިދިޔަ އަހަރު ޔޫއޭއީގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ނުވަ ގައުމީ ރެކޯޑެއް އައުކޮށްފައެވެ.