ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރު ކުރި މީހުންނާ މެދު އަވަސް ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެ ޕާޓީން މިކަމަށް ގޮވާލީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ދިން ހަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ގައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި އަމަލު، އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިބާވަތުގެ ނުބައި އަދި އަނިޔާވެރި ޢަމަލުތަކަކީ، އަޅުގަނޑުމެން ފަދަ ސުލްޙަވެރި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށާއި މި މައްސަލައިގެ ސީރިއަސް ތަހުގީގެއް ފެށުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވާ ކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ.

އަދި މިހާތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭގޮތަށް، މިކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދުކުރާ ކަމަށާއި 2015 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޔޯގާ ދުވަސް މި ގައުމުގައި ފާހަގަކުރަމުން އަންނަކަންވެސް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މުޒާހަރާގެ ތެރެއިން ހަ ފިރިހެނަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަ ހިފައިގެން އެ މީހުން ދަނޑަށް ވަދެ، ޔޯގާ ހަދަން ތިބި މީހުންނަށް އިންޒާރު ދިން މައްސަލަ ހޫނުވެފައިވަނިކޮށް، ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.