ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގުގައި ވާދަކުރާ ގައުމީ ސްވިމިންގ ސްކޮޑުގައި ހިމެނޭ މުޙައްމަދު އާން ޙުސައިން އާއި ޙަމްނާ އަޙްމަދު ފެތުމުގެ ގައުމީ ރެކޯޑުތަކެއް އައުކޮށްފިއެވެ.

އާން އައުކޮށްފައިވަނީ ފިރިހެނުންގެ (ލޯންގ ކޯސް) 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި އާން މި ރެކޯރޑް އައުކޮށްފައިވަނީ 01.05.77 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 3.30 ސިކުންތުގެ ކުރިއެރުމެކެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައި ވަނީ، 2021 ވަނަ އަހަރު ބޭއްވުނު ގޯލްޑަން އޮރލާންޑޯ އިވެންޓްގައި ޢަލީ އިމްޢާން އެވެ. އެ ފަހަރު 100 ބެކްސްޓްރޯކް އިވެންޓް އިމްޢާން ނިންމާފައިވަނީ 01.09.07 އިންނެވެ.

ހަމްނާ ވަނީ އަންހެނުންގެ (ލޯންގ ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފައެވެ. ޙަމްނާ މި ރެކޯރޑް އައުކޮށްފައިވަނީ 00.34.53 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ އައިޝަތު ސައުސަން އެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި 00.35.41 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެއިތުރުން ސްކޮޑުގައި ހިމެނޭ އައިޝަތު ސައުސަން އާއި މުބާލް އައްޒާމް އިބްރާހިމް ވެސް ވަނީ ގައުމީ ރެކޯޑުތަކެއް އައުކޮށްފައެވެ. ސައުސަން ވަނީ އަންހެނުންގެ ލޯންގ ކޯސް 100 މީތަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ގައުމީ ރެކޯޑާއި ފިރިހެނުންގެ (ލޯންގ ކޯސް) 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑުވެސް އައުކޮށްފައެވެ.

އެންމެފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނުނުނީ ހަމްނާ، ސައުސަން، އާން އަދި އިމްއާން އެވެ. މިިދިޔަ އަހަރު ޔޫއޭއީގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ނުވަ ގައުމީ ރެކޯޑެއް އައުކޮށްފައެވެ.