ރާއްޖޭގެ ސީނިއަރ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް، ޔޫސުފް އަޒްޔާން ފަރުހަތު ހަމަޖައްސައިފިއެވެ.

އަންނަ މަހު މެލޭޝިޔާގައި އޮންނަ މުބާރާތެއްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް އަޒްޔަން ހަމަޖެއްސިއިރު އޭނާ އަކީ، ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ކްރިކެޓްގެ ޚިދުމަތްތެރިޔާ ފަރުހަތު ޖަލީލްގެ ދަރިފުޅެވެ.

މެލޭޝިއާގައި އޮންނަ ކްރިކެޓް މުބާރާތުގައި ރާއްޖެއިން ވާދަކުރަން ނިންމާ، ތަމްރީނުތައް ކުރިއަށް ގެންދާއިރު މި މުބާރާތުގައި ހަތަރު ގައުމަކުން ވާދަކުރާނެއެވެ. އެއީ ރާއްޖޭގެ އިތުރުން ބޫޓާނާއި ތައިލެންޑް އަދި މުބާރާތް ހޯސްޓު ކުރާ މެލޭޝިއާއެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް އަޒްޔާން ހަމަޖެއްސިއިރުމިއީ އޭނާ ސީނިއަރ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރާނެ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މީގެކުރިން އޭނާ ވަނީ އުމުރުފުރައިގެ ޓީމުތަކުގެ ކެޕްޓަންކަން ކޮށްފައެވެ.

އަޒްޔާން ގައުމީ ޓީމުގެ ކެޕްޓަކަށް ހަމަޖެއްސިއިރު، ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އާދަމް ނާސިފް އުމަރު (އައްދަޅޭ) އެވެ. ޓީމްގެ ކުރީގެ ކެޕްޓަން މުޙައްމަދު މަހުފޫޒް މިފަހަރު ޓީމާއެކު ނުދެއެވެ. މެލޭޝިޔާގައި މުބާރާތް އޮންނާނީ ޖުލައި 3-11 އަށެވެ. އޭގެކުރިން މިއަދު ސްރީލަންކާގައި ޓީމް ކޭމްޕް ކުރާނެއެވެ. ސްރީލަންކާގައި ޤައުމީ ޓީމުން 10 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.