ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި، ވަކިކުރުމާއި، އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރާ މައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުން ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ކޮމެޓީން މިފަދައިން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.

މެމްބަރު ހުށަހަޅުއްވާފައިވާ މައްސަލާގައި ވަނީ ސީޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައާއި އެއް ޕާޓިން އަނެއް ޕާޓީއަށް މީހުން ބަދަލު ކުރުމުގައްޔާއި ޕާޓީން މެމްބަރުން ވަކިކުރުމުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި އަމަލު ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އަދި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުން ކުރަމުން ދާކަމަށާއި އެފަދަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލިގެންދާކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އެފަރާތްތަކުގެ އިހުތިޔާރު ނަގާލާ އެފަރާތްތަކުގެ ނަމުގައި ނުހައްގު މާލީ މަންފާއާ ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން، މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުން ދާކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި އާއްމު ރައްޔިތުންނަށް އިތުރު އުނދަގޫތައް ކުރިމަތިވަމުންދާކަމަށް މެމްބަރުގެ މައްސަލައިގައި ވެއެވެ.

މިމައްސަލައާ ގުޅިގެން މަޝްވަރާކުރުމަށް އީސީގެ ހުރިހާ މެމްބަރުން ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދެވެ. އެހެންކަމުން، އަންނަ އަންގާރަ ދުވަހު އީސީގެ މެމްބަރުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް ކޮމެޓީން ވަނީ ނިންމާފައެވެ.

ކޮމެޓީން ވަނީ މިވަގުތު އީސީގެ ފަރާތުން ސިޔާސީ ޕާޓިތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އަދި އީސީން ދިރާސާ ކުރަމުން އަންނަ އިސްލާހުތައް އަންގާރަ ދުވަހުގެ ކުރިން ފޮނުވުމަށް އެކޮމިޝަނަށް އެންގުމަށްވެސް ނިންމާފައެވެ.