ވޯލްޑް ކަޕް 2022 އަށް ކުޑަތަންވެފައި ވަނިކޮށް ވޭލްސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުން، ފުޓުބޯޅަ ލެޖެންޑް ރަޔަން ގިގްސް އިސްތިއުފާދީފިއެވެ.

ގިގްސް ވޭލްސްގެ ކޯޗުކަމުގެ މަގާމު ދޫކޮށްލިއިރު، އޭނާގެ މައްޗަށް ވަނީ ދެ އަންހެނަކަށް ޖިސްމާނީ އަނިޔާތަކެއް ދިންކަމަށް ބުނެ ދައުވާކޮށްފައެވެ. އެހެންނަމަވެސް މި ދައުވާތަކަށް ގިގްސް ވަނީ އިންކާރު ކޮށްފައެވެ. ގިގްސް އާއި ދެކޮޅަށް އުފުލާފައިވަނީ، އިނގިރޭސިވިލާތުގެ ސެލްފޯޑުގައި އުމުރުން 30 އަހަރުގެ އަންހެނަކާއި އުމުރުން 20 އަހަރުގެ އަންހެނަކަށް ޖިސްމާނީ އަނިޔާއެއްދިން މައްސަލައެއްގެ އިތުރުން ނުހައްގުން ބާރުފޯރުވުމުގެ ދައުވާއެކެވެ.

މި ދައުވާތަކާއެކު ގިގްސްގެ ބަދަލުގައި ވަގުތީ ކޯޗެއްގެ ގޮތުން ޓީމަށް އިރުޝާދުދީފައިވަނީ އެސިސްޓަންޓް ކޯޗު، ރޮބާޓް ޕޭޖް އެވެ. އެއީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޕޭޖްގެ އިރުޝާދުގެ ދަށުން ވޭލްސް އިންވަނީ ޔޫރޯ 2020 ގެ ރައުންޑް އޮފް 16 އާއި ހަމައަށް ދަތުރުކޯށްފައެވެ. އަދި ނޭޝަންސް ލީގުގައި ވޭލްސް ހިމެނޭ ގުރޫޕުގެ އެއްވަނަވެސް ޕޭޖްގެ އިރުޝާދުގެ ދަށުން އެޓީމު ވަނީ ހޯދާފައެވެ.

މަގާމުން އިސްތިއުފާ ދިނުމަށްފަހު ގިގްސް ބުނީ، މިއީ ވަރަށް ގިނަ ދުވަސް ވަންދެން ވަރަށް ބޮޑަށް ވިސްނުމަށްފަހުގައި ނިންމި ނިންމުމެއް ކަމަށާއި، އަމިއްލަ ގައުމުގެ ކޯޗުކަމުގެ މަގާމު އަދާކުރެވުން އެއީ ބޮޑު ފަޚުރެއް ކަމަށެވެ. އެހެހްނަމަވެސް އޭނާއަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން މިވަގުތު ޓީމަށް އެންމެ ފައިދާހުރި ގޮތަކީ މަގާމު ދޫކޮށްލުންކަމަށް ދެކޭކަމަށް ގިގްސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ވޭލްސްގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގިގްސްގެ މި ނިންމުމަށް ފުރިހަމައަށް އިޚުތިރާމުކުރާ ކަމަށާއި، އޭނާގެ މި ނިންމުމަކީ އަމިއްލަ މަސްލަހަތަށްވުރެ، ގައުމާއި ޓީމުުގެ މަސްލަހަތު އިސްކުރުމުގެ ގޮތުން ނިންމި ނިންމުމެއްކަމުން، އެކަމަށްޓަކައި ގިގްސް އަށް ޝުކުރުއަދާކުރާ ކަމަށެވެ،

އަދި މިވަގުތު ވޭލްސް އެފްއޭގެ ވެސް އަދި ގައުމީ ޓީމުގެ ވެސް ހުރިހާ ފޯކަސް އެއް ހުރީ މިއަހަރު ފަހުކޮޅު އޮންނަ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

މެންޗަސްޓަރ ޔުނައިޓެޑުގެ ކޯޗުކަންވެސް މީގެކުރިން ކޮށްފައިވާ ރަޔަން ގިގްސް އަކީ ގްރޭޓް ބްރިޓަންގެ އެންމެ ޑެކޮރޭޓެޑް އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. 24 އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓެޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ގިގްސް ވޭލްސްގެ ކޯޗުކަމާއި ހަވާލުވީ 2018 ވަނަ އަހަރުއެވެ.