އައު ސީޒަން ފެށުމުގެ ކުރިން ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ސޮއި ހޯދުމަށް، ފާއިތުވީ ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެފައިވާ މެންޗަސްޓަރ ޔުނައިޓެޑުން މަސައްކަތް ފަށައިފިއެވެ.

އުމުރުން 30 އަހަރުގެ އެރިކްސަން އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު، ބްރެންޓްފޯޑާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. މީގެކުރިން ބެލެވުނު ގޮތުގައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ބްރެންޓްފޯޑާއެކު އެރިކްސަން އެއްބަސްވުން އައުކުރާނެއެވެ. އެހެންނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބްރެންޓްފޯޑާއެކު އެރިކްސަން އެއްބަސްވުން އައު ނުކުރާނެއެވެ.

އަދި އެރިކްސަންގެ ސޮއި ހޯދުމަށް، އޭނާ ކުރިން ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕަރ އިންވެސް މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ، ފެބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި ޔުނައިޓެޑުން އަންނަނީ ދާދި އަވަހަށް ފްރީ އެޖެންޓަކަށް ވާނެ ތަޖުރިބާކާރު މިޑްފީލްޑަރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެރިކްސަން އަދި އޭނާގެ ކުރިމަގާ ގުޅޭގޮތުން ވަކި ނިންމުމެއް ނުނިންމާކަމަށެވެ.

މިދިޔަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތެރޭގައި ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު ހާދިސާއަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު، އެނބުރި އައިސް އެރިކްސަން ވަނީ ބްރެންޓްފޯޑުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ހިތުގެ މައްސަލަ ކުރިމަތިވިއިރު އެރިކްސަން ކުޅެމުން އައީ އިޓަލީގެ އިންޓަރ މިލާނަށެވެ.

ހިތުގެ މައްސަލައަށްފަހު، އެރިކްސަން މިހާރު ފުޓުބޯޅަ ކުޅެނީ ހިތުގެ ވިންދު އެއްވަރަކަށް ހިފަހައްޓަން އެހީވެދޭ ވަސީލަތެއްކަމަށްވާ، އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) އެއް ހިތަށް ލައްވައިގެންނެވެ.