40 ދުވަހުގެ މެދުކެނޑުމަކަށްފަހު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މިއަދު ފެށިއިރު، ދަ ގްރާންޑޭގެ ސްޕޯޓްސް ކުލަބުގެ މައްޗަށް މުހިންމު މޮޅެއް ހޯދާ، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ޕޮއިިންޓު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ދިވެހި ލީގުގެ ކުޅުން މެދުކަނޑާލީ، އޭއެފްސީ ކަޕާއި އޭޝިއަން ކަޕުގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަސް މިދިޔަ މަހުގައެވެ.

މި ބްރޭކަށްފަހު އެނބުރި އައިސް ޔުވީ އިން މިއަދު ހަވީރު ދަ ގްރާންޑެގެ މައްޗަށް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗާއި ގްރާންޑޭ އިން ކުރިމަތިލީ، އެންމެފަހުން ނިމުނު ޓްރާންސްފަރ ވިންޑޯގައި އެޓީމަށް ސޮއިކުރި ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. އެގޮތުން ކުރިން އީގަލްސްގައި ހުރި، ލެބަނަންގެ ކީޕަރު މުހައްމަދު ތަހާ، ކޮލަމްބިއާ ޑިފެންޑަރު އިވާން ސައިސޭޑޯ އަދި އާޖެންޓީނާގެ ފޯވާޑް ހޫގޯ ނިކޮލަސްގެ އިތުރުުން، މާޒިޔާ އިން ލޯން އެއްބަސްވުމެއްގެ ދަށުން ދަ ގްރާންޑޭ އަށް ބަދަލުވި، އަބްދުﷲ ޖުނައިދު (ޖެންނޭ) ވެސް ވަނީ މިއަދުގެ މެޗުގައި ދަ ގްރާންޑޭގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ޔޫވީ އިންނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ޔޫވީ އިންޖެހި މިލަނޑަކީ، ދަ ގްރާންޑޭގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައިގެން ކާމިޔާބު ކުރި ލަނޑެކެވެ. އެގޮތުން ދަ ގްރާންޑޭގެ ޑިފެންޑަރަކު ފަހަތަށް ޖައްސާލި ބޯޅައެއް ހޯދުމަށްފަހު މިލަނޑު ޔޫވީ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 އިން ޔޫވީ ކުރީގައި އޮވެގެންނެވެ.

ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމުގެ ކުޅުންތެރިންނަށްވެސް ލިބިގެންދިޔަ މިމެޗުގައި ދެންވެސް ލަނޑެއް ޖެހީ ޔޫވީގެ ކުޅުންތެރިންނެވެ. އެގޮތުން މެޗުގެ 81 ވަނަ މިނެޓުގައި ޔޫވީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ އެޓީމަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލަމާމް ޒުހެއިރެވެ. މިއީ މޫސާ އަޒީމް ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ލަމާމް ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި ދަ ގްރާންޑޭ އިންޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކުރި ލަނޑެކެވެ. އެގޮތުން މެޗުގެ 87 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބު ކޮށްދިނީ އިސްމާއިލް މަފާޒް އިބްރާހިމް އެވެ.

މި ސީޒަނުގައި މޮޅެއް ނުހޯދި އޮތް ހަމައެކަނި ޓީމުގެ ގޮތުގައި އޮތް ދަ ގްރާންޑޭ އޮތީ ލީގުގެ ޕޮއިންޓު ތާވަލުގެ ފުލުގައި 13 މެޗުން އެންމެ ޕޮއިންޓަކާއެކުއެވެ. މިއަދުގެ މެޗުން މޮޅުވެ، ޔުނައިޓެޑް ވިކްޓްރީ ތިންވަނައަށް ޖެހިލީ 13 މެޗުން 20 ޕޮއިންޓް ހަމަކޮށްގެންނެވެ. ކުރިން ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ހަތަރަކަށް ވެއްޓުނުއިރު، އެ ޓީމަށް ވަނީ 12 މެޗުން 17 ޕޮއިންޓް ލިބިފައެވެ. ޓީސީން މާދަމާރޭ ކުޅޭ މެޗުގައި ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.