ދިވެހި ސަރުކާރުގެ ސްޓޫޑެންޓް ލޯނުގެ އެހީގައި ސްރީލަންކަން އޭވިއޭޝަން ކޮލެޖުގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންގެ ކޯހުގެ މުއްދަތު ދިގުލައިގެން ގޮސް އަމިއްލަ ޖީބުން ޚަރަދު ކުރާތާ 2 އަހަރު ވެފައިވާ ކަމަށް އެދަރިވަރުން ބުނެފިއެވެ.

އެކޮލެޖުގައި އެއަރކްރާފްޓް އިންޖިނިއަރިންގ ކިޔަވާ 100 އެއްހާ ދިވެހި ދަރިވަރުން ތިބިއިއރު، އޭގެތެރެއިން 90 އަށް ވުރެ ގިނަ ދަރިވަރުންނަކީ ސްޓޫޑެންޓް ލޯންގެ އެހީގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނެވެ.

ލަންކާގައި ތިބި ދިވެހި ދަރިވަރުންގެ ފަރާތުން "ވީނިއުސް" އާ ވާހަކަދައްކަމުން އެކޮލެޖުގައި މިވަގުތު ކިޔަވަމުންދާ ސީނިއަރ ބެޗުގެ ދަރިވަރެއް ކަމަށްވާ ފާރިޝް މުހައްމަދު ބުނީ، ލޯނަށް އެދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅިއިރު ކޮލެޖުން ފޯރުކޮށްދިން ލިޔެކިޔުމުގައި ކޯހުގެ މުއްދަތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ 2 އަހަރާއި 3 މަސް ދުވަސް ކަމަށެވެ. އެހެން ކަމުން މިނިސްޓްރީން ލޯން ދެނީ އެމުއްދަތަށް ކަމަށެވެ.

2018 ވަނަ އަހަރު ބެޗް ފެށި ދަރިވަރުން 2020 ވަނަ އަހަރުގެ މާރޗް އާއި ހިސާބުން ޕްރެކްޓިކަލް ކްލާސްތައް ނިމުން ނަމަވެސް، ކޮވިޑް-19ގެ ސަބަބުން ކޮލެޖް ބަންދުކުރުމާއި ގުޅިގެން ދަރިވަރުން އެނބުރި މާލެ އަންނަން ޖެހުނެވެ. އަދި ދަރިވަރުންނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު، ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވެއެވެ.

ލަންކާގައި ތިބި ދިވެހި ދަރިވަރުންވަނީ އެކުދިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށާއި، ކަމާބެހޭ އިދާރާތަކަށް ސިޓީވެސް ފޮނުވާފައެވެ. މި ސިޓީ ފޮނުވިތާ 2 ހަފްތާއަށްވުރެ ގިނަދުވަސްވެފައިވާއިރު، މިއަދާ ހަމައަށް އެއްވެސް ފަރާތަކުން އެކުދިންގެ ހާލުވެސް ބަލާފައިނުވާއިރު، އެއްވެސް ޖަވާބެއްވެސް ދީފައެއް ނުވެއެވެ.

ހުރިހާ ދަރިވަރުންގެ ފަރާތުން މިހާރު ވާނީ ޕެޓިޝަނެއްވެސް ހަދާފަ. އެ ޕެޓިޝަން މިހާރު ވާނީ ރައީސް އޮފީހަށާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓަށާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީއަށާއި، ފޮރިން އެފެއަރޒް އަށާއި، މަޖިލީހަށާ ފޮނުވާފަ.
ފާރިސް މުހައްމަދު

ފާރިސް ބުނީ މިކަމުގައި ކޮލެޖުންވެސް އިހުމާލުވެފައިވާ ކަމަށާއި، 2019 ވަނަ އަހަރުވެސް މިކަމުގެ ކަންބޮޑުވުން ހަޔަރ އެޑިއުކޭޝަންގައި ފާޅުކޮށްފައިވާނެ ކަމަށެވެ.

އެބުރު މިނިސްޓަރ ޗަބީ އާ މީޓްކުރަންވެގެން އަޅުގަނޑުމެން އެދުނިން. އެދުނީމަ މިނިސްޓަރ ސީދާ ލަންކާއަށް ވަޑައިގެން އަޅުގަނޑުމެންނާ މީޓް ކުރީ. އެ މީޓިންގަ އަޅުގަނޑުމެން ދެއްކި އެންމެ މުހިންމު އެއް ވާހަކައަކީ ކޮލެޖުގަ ނިންމަން ބުނާ ޑިއުރޭޝަނަށް ކޯހެއް ނުނިންމެޔޭ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ކުދިންނަށް ލޯނު ދޭންވެގެން ކޮލެޖުގެ ފަރާތުން މި ހޯދާ ޑޮކިއުމެންޓްގަ، ކޮލެޖަށް ރިކުއެސްޓްކޮށްގެން ނަމަވެސް މިނިސްޓްރީގެ ފަރާތުން އެ އިނީޝިއޭޓިވް ނަގާފަ ބުނާށޭ ރަނގަޅު ޕީރިއަޑް ކޯހަށް ދޭށޭ. އަޅުގަނޑުމެންގެ ފަހުން އަންނަ ކުދިންނަށްވެސް އެކުދިންގެ ކޯސް އެއްކޮށް ކަވަރ ވާނެ ވަރަށް ލޯން ލިބޭނެ ގޮތެއް ހަދައިދޭން.
ފާރިސް މުހައްމަދު

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލުގައިވާ ގޮތުން ލޯނުގެ ދަށުން ފުރިހަމަކުރަމުންދާ ކޯސް ނިންމުމުގައި ދަރިވަރުންގެ އިހްތިޔާރުން ބޭރު ކަމެއް ދިމާވެގެން ކޯހުގެ މުއްދަތު އިތުރުވާ ހާލަތްތަކުގައި އިތުރުވާ މުއްދަތަށް ލޯނުގެ ދަށުން ފައިސާއަށް އެދެވިދާނެއެވެ. ނަމަވެސް އެއްވެސް ދަރިވަރަކަށް ދޭ ލޯނު އިތުރު ކޮށްނުދެވޭނެ ކަމަށް މިނިސްޓްރީން އޭރު ބުނެފައިވާ ކަމަށް ފާރިސް ބުންޏެވެ.

މީގެއިތުރުން ފާރިސް ބުނީ، މިހާރު ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދަރިވަރުންނަށް ލިބިފައިވާ އަދަދު މަދުވުން ނޫން ކަމަށާއި، ކޮލެޖުގެ ބޮޑެތި އިހުމާލުތަކެއްވެސް އެބަހުރި ކަމަށެވެ. މިހާރުގެ ސީނިއަރ ބެޗުތައް ނުނިމޭހާ ހިނދަކު ދެން ކުރިއަށް އަންނަ ބެޗުތަކުގެ ކިޔެވުންވެސް މިފަދައިން ދިގުލައިގެން ދާނެ ކަމަށާއި، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީންވެސް މިކަން ރެގިއުލޭޓްކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

އަދި، ސްޓޫޑެންޓް ލޯން ލިބޭ ހަމައެކަނި ކޮލެޖަކީ ސްރީލަންކަން އޭވިއޭޝަން ކޮލެޖަށް ވީއިރު، އެކޮލެޖުގައި މިފަދަ މައްސަލަތައް ދިމާވަމުން އަންނަކަން އެއޮތޯރިޓީއަށް އެނގޭތާ އެތައް އަހަރެއް ވެފައިވީއިރުވެސް އެކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ދަރިވަރުން ފާހަގަކުރެއެވެ.

ކޮންމެ ކުއްޖަކުވެސް މި ދާއިރާއިން ކިޔަވަން ބޭނުންވެގެން، މިދާއިރާއަށް ނުކުންނަން ބޭނުންވެގެން މި ކޯހަށް ޖޮއިން މި ކުރަނީ ވަރަށް ފޮނި އުއްމީދުތަކާ އެކު. އެކަމަކު އެހުރިހާ އުއްމީދުތަކެއްގަ ރަނގަޅަށް ކުލަ ޖެހުމުގެ ކުރިން ކުރަން މިޖެހޭ ސްޓްރަގްލް، މި ސްޓްރަގްލް މިގޮތަށް ނުކޮށް މި ނޫން އެހެން ތަންތަންވެސް އެބަހުއްޓޭ ސްޓޫޑެންޓް ލޯން މިނިސްޓްރީން އެދޫކުރާ ރީޖަންތަކުގައި ހަމަ ރަނގަޅު ކޮލެޖްތައްވެސް އެބަހުރި. އެ ފުރުސަތު އަޅުގަނޑު މެންނަށް ނުލިބެނީ ކީއްވެގެންތޯ އޭ ސުވާލު ކުރަން ބޭނުން. ހުރިހާ ކުދިންގެވެސް ވަރަށް ބޮޑު ސުވާލެއް އެއީ.
ފާރިސް މުހައްމަދު

އެކޮލެޖުގައި މިވަގުތު ތައުލީމް ހާސިލްކުރަމުންދާ 9 ބެޗުގައި ދިވެހި 100 އަށް ވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ. ދަރިވަރުންގެ ހުރުމަށާއި، ކޮލެޖަށްވެސް އަމިއްލަ ޖީބުން ހަރަދުކުރަމުން އަންނައިރު، މިކަމުގެ ސަބަބަން ދަރިވަރުންނަށް މާލީ ބޮޑެތި ގޮންޖެހުންތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.