އުރީދޫ މޯލްޑިވްސްއިން އިން މިއަދު ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، "އުރީދޫ ނޭޝަން-ގޭމަރސް ލޭންޑް" ރައްޖެއަށް ތައާރަފްކޮށްފިއެވެ.
އުރީދޫ ނޭޝަން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ އުރީދޫގެ މެނޭޖްމަންޓާއި ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ބޭފުޅުންގެ ހާޒިރުގައި މިނިސްޓަރ އޮފް ޓުއަރިސަމް، އަބްދުﷲ މައުސޫމްއެވެ.
އުރީދޫގެ މި ޕްލެޓްފޯރމް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައި ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ ވަރުގަދަ 4ޖ އަދި 5ޖީ ނެޓްވޯކާއި ރައްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއިއެކު ވެވިފައިވާ ޕާޓްނަރޝިޕްތަކުގެ އެހީގައި، އުރީދޫ ނޭޝަންގެ އަމާޒަކީ ގޭމިންއާއި ގުޅުންހުރި ހުރިހާ ޙިދުމަތާއި މައުލޫމާތް އެއް ޕްލެޓްފޯމެއްގައި ގެނެސްދިނުމެވެ. އަދި އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ބައްލަވައިގަނެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
މީގެ އިތުރުން، ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔަރ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫންވެސް ގިނަ ގޭމްތަކަށް މޮބައިލް ޑޭޓާ ޕެކް ތައް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ގޭމިން ޕެކްތަކާއި ގިފްޓް ކާޑު އަދި ކޮންޓެންޓްގެ ހިދުމަތުގެ އިތުރުން އުރީދޫ ނޭޝަން އިން ގޭމް ކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކާއެކު ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތައްވެސް ކުރިއަށްދާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.
އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް، 100،000 ރ. ގެ ޕްރައިޒް ޕޫލަކާއެކު ރޭ ބޭއްވުނު ހާއްސަ ހަފްލާގައި ވަނީި އިއުލާނުކޮށްފައެވެ. މި ޗެމްޕިއަންޝިޕްގައި ޕަބްޖީގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ ލެވަލް މަތިވާވަރަކަށް ފައިސާގެ އިނާމު އިތުރުވަމުން ދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާއާއި ވަނަ އުރީދޫ ނޭޝަން ލީޑާބޯޑްއިން ފެނިވަޑައިގަންނަވާނެއެވެ.
މި ރަސްމިޔާތުގައި ވަހަކަދަށްކަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ގޭމިން އިންޑަސްޓްރީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެންގޮސްފައި ކަމަށެވެ.
ޓެކްނޮލޮޖީއާއެކު ގޭމިން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑަސްޓްރީއެކެވެ.
ފުރިހަމަ ގޭމިންގެ ތަޖުރިބާއެއް ކުރުމަށް ހަލުވި ސްޕީޑާއެކު ލޭޓެންސީ ދައް މެދުކެނޑުމެއްނެތް އިންޓަނެޓަކީ ގޭމަރުންނަށް މުހިންމު އެއްޗެއްކަމަށް އުރީދޫ އިން ބުނެއެވެ. އަދި ކްލައުޑް ގޭމިން އަދި އޭއާރް/ވީއާރް ފަދަ ޓެކްނޮލޮޖީތަކުގެ އެހީގައި ފުޅާވެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމުގައި ގޭމިން އިންޑަސްޓްރީ މުހުންމު ރޯލެއް އަދާ ކުރެއެވެ.
އުރީދޫ އިން ބުނީ ބޭރު ދުނިޔޭގައި ގޭމަރުންނަށާއި އިންޑަސްޓްރީގެ ފަހަތުގައި ހަރަކާތްތެރިވާ އެކި ދާއިރާތަކަށް މިހާރު ތަނަވަސް އާމްދަނީއެއް ހޯދުމުގެ ފުރުސަތުތައްވެސްވަނީ ހުޅުވިފައެވެ. ގޭމިން އަކީ މިހާރު ހަމައެކަނި މުނިފޫހިފިލުވުން ނުވަތަ ހޮބީއެއް ނޫނެވެ، ޒުވާން ކުދިންނަށް ނިމުމެއް ނެތް ފުރުސަތުތަކެއް ތަނަވަސްކޮށްދޭ އިންޑަސްޓްރީއެއް ކަމަށްވެސް އުރީދޫ އިން ބުނެއެވެ.
އޭގެ ތެރޭގައި ޑިޒައިނަރުންނާއި ޑިވެލޮޕަރުންނާއި ޕްރޮގްރާމަރުންނާއި އިންޖިނިއަރުންނާއި ޕްރޮފެޝަނަލް ގޭމަރުންނާއި ސްޓްރީމްކުރާ މީހުންނާއި މިނޫންވެސް ތަފާތު އެކި ދާއިރާތަކުން ކެރިއަރއެއް ގާއިމްކުރެވޭނެއެވެ.
އުރީދޫގެ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް މި ފުރުސަތުތައް ފަހިކޮށްދީ، އުރީދޫގެ ވަރުގަދަ 4ޖީ އަދި ފުޅާވަމުންދާ 5ޖީ ނެޓްވޯކްގެ ލޯ ލޭޓެންސީ މެދުވެރިކޮށް ފުރިހަމަ ތަޖުރިބާއެއް ފަހިކޮށްދިނުމެވެ.