ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ޕްލޭއޮފްގައި ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް، ކްލަބް ވެމްކޯ އިން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވާ ލީގު ބުރުގައި އެއްވަނަ ހޯދައިގެން ސްޕޯޓްސް ކްލަބް ސިޓީ އިންނެވެ. ލީގު ބުރުގައި މި ދެޓީމުގެ ކުރިމަތިލުމުން ކުރިހޯދީ ވެމްކޯ އެވެ.

ސިފައިން ބަލިކޮށް ވެމްކޯ އިން ފައިލުގެ ޖާގަ ހޯދިއިރު މުބާރާތުގެ ލީގު ބުރުގައި ވެމްކޯ ވަނީ ސިފައިން އަތުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ފައިނަލުގެ ޖާގަ ހޯދުމުގެ އިތުރުން ސެމީގައި ސިފައިން ބަލިކުރުމަކީވެސް ވެމްކޯ އަށް ސިފައިންގެ ކިބައިން ބަދަލު ހިފި، ބޮޑު ކާމިޔާބީއެއް ލިބުމެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެރޭ ސިފައިންގެ މައްޗަށް ވެމްކޯ އިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

ފުރަތަމަ ސެޓުގައި ގިނަ ގޯސްތަކެއް ހެދުނު ނަމަވެސް، މި ސެޓު ވެމްކޯ އިން ކާމިޔާބުކުރީ 18-25 އިންނެވެ. މެޗުގައި ވެމްކޯގެ ސެންޓަރ ބްލޮކަރު އަޝްވަލް ރާއީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.

ދެވަނަ ސެޓުގައި ސިފައިންގެ ޓީމަށް ކުޅެމުން އައި އިންޑިއާގެ ޝޯން ޓީ ޖޯން އާއި މަނޫ ޖޭމްސްގެ ފަރާތުން ރަނގަޅު އެޓޭކުތަކެއް ފެނުނު ނަމަވެސް، ސެޓުގެ ވަކި ހިސާބަކުން އަނެއްކާވެސް ވެމްކޯ އިންވަނި ސިފައިން މައިތިރިކޮށް، މި ސެޓޫވެސް ކާމިޔާބު ކޮށްފައެވެ. މި ސެޓު ވެމްކޯ އިން ގެންދިޔައީ 22-25 އިންނެވެ. ޓައިމް އައުޓެއް ނަގައިގެން ސިފައިންގެ ކޯޗު ހުނައިދު އަބްދުﷲ އެޓީމު ހަމައަކަށް އަޅުވަން މަސައްކަތްކުރި ނަމަވެސް، ސިފައިން ރޭވުމަށް ވެމްކޯ އިންވަނީ ހުށިޔާރުކަން ދައްކާ ހުރަސް އަޅާފައެވެ.

ފަހު ސެޓުގައި ބޮޑު ޕްރެޝަރެއްގައި ކުޅެމުންދިޔަ ސިފައިންގެ ޓީމަށް އެންމެ މޮޅު ކުޅުން ނުދެއްކުނު އިރު މިސެޓުގައިވެސް ވެމްކޯ އިންވަނީ ރަނގަޅު ލީޑެއް ދަމަހައްޓާ ސެޓު ގެންގޮސްފައެވެ. މިސެޓު ވެމްކޯ އިން ކާމިޔާބު ކުރީ 22-25 އިންނެވެ.

މުބާރާތުގެ ފައިނަލުގައި ވެމްކޯ އާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރާނީ ބުރާސްފަތި ދުވަހުގެރޭ 20:15 ގައެވެ. މިއީ ސިޓީ އާއި ވެމްކޯ ކުޅޭ ފުރަތަމަ ފައިނަލެވެ.