މުންކަރާތް ނަހީކުރުމުގެ ނަމުގައި ހިންގާފައިވާ ކަންތައްތަކަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިހެން ބުނެފައިވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނުގައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އެ ބަޔާނުގައި ވަނީ ރާއްޖޭގައި ތިއްބެވި ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެން ކުރިއަށްގެންދިޔަ ހަރަކާތަށް އަމާޒުކޮށް، މުންކަރާތްތައް ނަހީކުރުމުގެ ނަމުގައި ހިންގާފައިވާ ކަންތައްތަކަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.

އިސްލާމްދީނަށް ނަސްރުދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރިކަމަށް ގޮވާލާ މީސްތަކުގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މަފަދަ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށްދެއްވި ރިވެތި އުސޫލުތަކާ މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއްކަން ކަށަވަރު ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

އަދި ހަމަ މިއާއެކު އެއްވެސް އިޚްލާސްތެރިކަމެއް ނެތި އިސްލާމް ދިނާއި ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި ކަމަށް ބުނެ ރާއްޖޭގެ ދާޚިލީ ހަމަޖެހުން ނަގާލެވޭ މޭރުމުން ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކައި ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް ރައްޔިތުންނަށް މިނިސްޓްރީން ވަނީ ނަސޭޙަތްތެރިވެފައެވެ.

އަދި ބައެއް ފަރާތްތަކުން ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި، ސިޔާސީ މަގްސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މިފަދަ ކަންކަމާމެދު ދީނީ ޢިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ، މުޖުތަމަޢުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނާ ވީހާވެސްގާތުން މަސައްކަތްކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.