ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، ގައުމުތަކާ ގުޅިގެން، އިތުބާރާއި އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކުރަންޖެހޭ ކަމަަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވިމެންސް ފޯރަމްގެ "ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ"ގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ކޮމަންވެލްތު ވިމެންސް ފޯރަމްގައި ދިވެހިރާއްޖޭގެ ވަޒީރަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރ މާރިޔާގެ ވާހަކައިގަ، އެކަމަނާ ވަނީ، ބައިނަލްއަގްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަމަށް ހުރި "ހައިބްރިޑް ތްރެޓު"ތަކާއި ގޮންޖެހުންތައް ނުހަނު ފުޅާވެ، އުނދަގޫވެފައިވާ ދަނޑިވަޅެއްގައި، އެއްވެސް ޤައުމަކަށް އެޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލަޔަށް ކަށަވަރުކުރުމަކީ މުސްތަޙީލު ކަމެއްކަން ފާހަގަކުރައްވާފައެވެ.

މިގޮންޖެހުންތަކާއި "ހައިބްރިޑް ތްރެޓު"ތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަންހެނުން ބާކީކޮށްގެން ނުވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ، ސަލާމަތީގޮތުން އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމަކާއި ބުރައެއް އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި ކުޑަކުދިންކަމުގައި ވާތީކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ރެކޯޑު ޢަދަދަކަށް އަންހެން ވަޒީރުން އައްޔަންކުރައްވާފައިވާކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަންހެން ވަޒީރަކު އައްޔަންކުރައްވަން ރައީސް ނިންމެވި ނިންމެވުމަކީ ވަރުގަދަ، ތާރީޚީ ނިންމެވުމެއް ކަމަށެވެ.

އަންހެން ބޭފުޅުންނަށް އިސް މަގާމުތައް ހަވާލުކުރުމުން، މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ބާރުލިބި، ވަށާޖެހިފައިވާ ޒަމާނީ ނިޒާމަކަށް ފެތޭ ހަމަތަކާއި އުސޫލުތަކާއި ނަޒަރިއްޔާތުތައް ތަޢާރަފުވެ، އަދި އޭގެ އެދެވޭ ނަތީޖާއާއި އަސަރުތައް، ދިފާޢީ އަދި ސަލާމަތީ ދާއިރާއަށްވެސް ފެތުރި، ދައުރުވެގެންދިޔުމަށް މަގުފަހިވާ ކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.