ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށް، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރުން ލިބިގެންވާ ހައްގެއްކަމަށް އައްޑޫ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވިދާޅުވެޖެއެވެ.
"ވީނިއުސް"އަށް މައުލޫމާތުދެއްވަމުން ކައުންސިލަރު ވިދާޅުވީ، ބޯހިޔާވަހިގަމުގެ ޙައްގުތައް ރައްޔިތުންނަށް ހޯދޭނެމަގު ތަނަވަސްކޮށްދިނުމަކީ ދައުލަތުން ކުރަންޖޭ ކަމެށް ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ މީދޫ ދާއިރާގެ ކައުންސިލަރެއްގެ ގޮތުގައި ހުވާކުރި ހިސާބުން އެންމެ އިސްކަމެއްގެ ގޮތުގައި، މީދޫގައި ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުންއަށް އެ ހައްގުތައް ހޯދައިދިނުމުގެ މަސަކަތް ފެށިކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގައި 2019 ވަނަ އަހަރު، މީދޫއިން 50 ގޯތި ދޫކުރުމަށްޓަކައި އިއިލާންކުރެވި 2021 ވަނަ އަހަރު ގޯތި ލިބޭ ލިސްޓް ފައިނަލްކޮށް ގެޒެޓްކޮށްފައިވާ ކަމަށް ކައުންސިލަރު ސާލިހާ ވިދާޅުވިއެވެ.
ސާލިހާ ވިދާޅުވީ، ގޯތިދޫކުރުމުގައި އުސޫލީ މައްސަލަތައް ހުރިކަމަށް ފާހަގަކޮށް، އެންޓި-ކޮރަޕޭޝަން ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށެހެޅި މައްސަލައަކާ ގުޅިގެން، އެކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލަށް އަންގަވާފައިވަނީ ގޯތި ދޫކޮށްފައި ނުވުމާއެކު، މިނިސްޓްރީ އޮފް ޕްލޭނިންގެ ލަފާގެ މަތިން ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.
އެގޮތުން މިނިސްޓްރީގެ ލަފާހޯދުމަށް، މައްސަލައިގެ ތަފްސީލާއި ލިޔެކިޔުންތަކާއެކު ފޮނުވުމުން ގޯތި ދޫކުރުމަށް ކުރެވިފައިވާ މަސައްކަތުގެ އެކި މަރުހަލާގައި އުސޫލީ މައްސަލަތައް ހުރިތަންތަން އިސްލާހްކުރުމަށްފަހު، އަލުން އިއުލާނުކޮށްގެން ކުރިއަށް ގެންދިއުމަށް ލަފާދެއްވާފައިވާ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
ސާލިހާ ވިދާޅުވީ މިއަހަރުގެ މާޗް މަހުގެ 26-28 ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައިވެސް އެންމެ އިސްކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެއްކަމަކީ މީދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ތަހްއްމަލުކުރަމުންދާ ރައްޔިތުންގެ ހާލަތު ކަމަށެވެ.
އައްޑޫ ސިޓީ މީދޫ އަކީ 182.8 ހެކްޓަރުގެ ބޮޑު ރަށަކަށްވާއިރު މިހާރު ބޭނުންކުރާ ބިމުގެ ބޮޑުމިނަކީ 110.62 ހެކްޓަރެ ކަމަށް ކައުންސިލަރ ސާލިހާ ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގެ އެހެން އަވަށްތަކުން 2020 ވަނަ އަހަރު ގޯތި ދޫކުރެވިފައިވާއިރު، ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ ގޮތުން ފްލެޓު އެޅުމަށްވެސް އެގްރީމަންޓްކުރެވޭއިރު، ލޭންޑް ޔޫސް ޕްލޭން ހުއްޖަތެއް ކަމުގައި ދައްކައި، ހުޅުދޫ މީދޫގެގެ ރައްޔިތުންނަށް ގޯތި ދޫނުކުރެވުމަކި މި ދެ އަވަށުގެ ރައްޔިތުންނަށްވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
ހުޅުދޫ މީދޫގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހާއްޞަ ޤަރާރެއް ފާސްކޮށް ދެއްވުމަށާއި، ގޯތިތައް ވީހާވެސް އަވަހަށް ދޫކުރެވޭނެ އިންތިޒާމް ހަޖައްސަވައި ދެއްވުމަށް، ރައީސުލްޖުމްސޫރިއްޔާ އަށާއި ކަމާބެހޭ މުވައްސަސާތަކަށް ގޮވާލާ ކަމަށް ކައުންސިލަރު ސާލިހާ ވިދާޅުވިއެވެ.
ހުޅުދޫ މީދޫޑެ ރައްޔިތުންނަށް 100 ގޯތި ނުކެޑިގެން ވިސްނާނެ ކަމެއްނެތް؛ ހައްލު މިއޮތީ، 10 ހެކްޓަރ ހަމަނުވާ ލޭންޑު ޔޫސް ޕުލޭނު ނެތި ގޯތި ކެޑި އދ. އޮމަދޫ 3ބޯ އަލީ އައް އަންގާލާ