ރައީސް އަބްދުﷲ ޔާމީން ފިޔަވައި ދިވެހި ގައުމު ދިފާއުކުރައްވައި ވަކާލާތުކުރައްވަން ކެރިވަޑައިގަންނަވާ ސިޔާސީ ލީޑަރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް، އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވާތީ އެ މައްސަލަ ބައްލަވައި ދެއްވުން އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ފަސްގަނޑުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމަކީ، ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހުއްދަދެއްވައިގެން އުޅުއްވާ ކަމެއް ކަމަށާއި، މިއީ ދިވެހި ގައުމަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް ކަމަށެވެ.

އަދި، މެމްބަރު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް ތާއީދު ކުރައްވާ ބޭފުޅުންގެ ދިވެހި ލޭ ނުހިނގަނީތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ މެމްބަރުންނަށް ސުވާލު އަމާޒުކުރައްވާފައެވެ. ރައީސް ޔާމީން ފިޔަވައި ދިވެހި ގައުމު ދިފާއުކުރައްވައި ވަކާލާތުކުރައްވަން ކެރިވަޑައިގަންނަވާ ސިޔާސީ ލީޑަރެއް ނެތް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މިތަނުގައި އެހެން ގައުމެއްގެ އަސްކަރިއްޔާ ތިބުމަށް ތާއީދުކޮށްގެން މިތިބަ މީހުންގެ ދިވެހި ލޭ ނުހނގަނީތޯ އަޅުގަނޑު ސުވާލުކރުަން. އަޅުގަނޑު ސެލިއުޓް ކުރަން ރައީސް ޔާމީނަށް. ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރެއް ނެތީއޭ ދިވެހި ފަސްގަނޑުގެ ހައްގުގައި ދިވެހި ރައްޔިތުންގެ ހައްގުގައި ބަހެއް ބުނާނެ އެއްވެސް ލީޑަރަކު ނެތީ. ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު ދެވަނަ ދަރަޖައިގެް ރައްޔިތުން ގޮތުގައި ދިވެހި ފަސްގަނޑުގައި ތިބެން ޖެހިފަ އޮތްކަން އަޅުގަނޑުމެންނަށް މި އެނގެނީ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

މީގެއިތުރުން، މިކަމުގައި ރައްޔިތުންގެ ނަޒަރިއްޔާއިން ވިސްނާލުމަށް އެދިވަޑައިގެން މެމްބަރު ވިދާޅުވީ، ގާނޫނުއަސާސީން ދިވެހި ސަލާމަތީ ބާރުތަކަށް މަތިކުރާ ކަންކަން އެހެން ގައުމުގެ ސަލާމަތީ ބާރުތަކުން ދިވެހި ފަސްގަނޑަށް އައިސް ދާއިމަށް ތިބެ، ރައްޔިތުންގެ ފައިސާއިން އެމީހުންނަށް ހަރަދުކުރަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ.

ރައްޔިތުންގެ އޮތް މިވަރުގެ ބޮޑު މައްސަލައެއްގައި ސަރުކާރާ މި އޮތީ ބައްދަލްކޮށްފަ. ސަރުކާރުން ދެކެނީ މިއީ މައްސަލައެއް ކަމަށް. އެހެންވީމަ ސަރުކާރު ކައިރީ މި އެހީ މިއީ މައްސަލައެއް ތޯ. 241 ކޮމެޓީގެ ހާލަތު. ޑިފެންސް މިނިސްޓަރާ، ފޮރިން މިނިސްޓްރީއާ، ހޯމް މިނިސްޓަރާ. ހުސް ސަރުކާރު މީހުން ގެނެސްގެން ކޮމެޓީގަ ވާހަކަދައްކާފަ އަނެއްކާ މި އޮތީ. ސަރުކާރުން އެބަ ބުނޭ މިއީ ގޯސް ކަމެކޭ، ދިވެހި ގައުމަށް މިކަމުން އެބަ ގެއްލުން ވެޔޭ. ދިވެހި ރައްޔިތުންނަށް މިކަމުން އެބަ ގެއްލުން ވެޔޭ. މިއީ 241 ކޮމެޓީގެ ހާލަތު. މިއީ ރައްޔިތުންގެ މަޖިލީހުގަ ރައްޔިތުން އިންތިހާބުކޮށްފަ ތިބި ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މައްސަލަތައް ބަލަން، ރައްޔިތުންނަށް ހެޔޮ ގޮތް އެދިގެން މަސައްކަތް ކުރަން ތިބި މީހުންގެ ހާލަތު. ރައްޔިތެއް ކައިރި އަހާލާނެ ހިތްވަރެއް ނެތް މި ބޭފުޅުންގެ. މިއޮއް ބޮޑު މައްސަލަ އައިމަވެސް.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

ރާއްޖޭގެ ރައްޔިތުންނަކީ ގައުމުގެ ރީތިކަމާއި ސުލްހަވެރިކަން ވިއްކައިގެން ކައިބޮއި އުޅޭ ބައެއް ކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، އެހެން ގައުމެއްގެ ސިފައިން ދިވެހި ބިމުގައި ބޭސްވެގެން ތިބުމަކީ ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލޭނެ ކަމެއް ކަމަށެވެ. އަދި، ޚުދު އިންޑިއާ ރައްޔިތުންވެސް މިކަމަށްނުރުހޭ ކަމަށް މެމްބަރުގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.