އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ވެލެންސިއާ ބަލިކޮށް ކްލަބް އީގަލްސް އިން މުހިންމު މޮޅެއް ހޯދައިފިއެވެ.
އަންގާރަ ދުވަހުގެރޭ ގަލޮޅޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން އީގަލްސް ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މިއީ އެޓީމުގެ ކޯޗުކަމާއި މުހައްމަދު އާތިފް (އާތީ) ހަވާލުވިފަހުން ކުޅުނު ފުރަތަމަ މެޗެވެ. އާތީ އީގަލްސްގެ ކޯޗުކަމާ ހަވާލުވީ، ދާއިމީ ހެޑް ކޯޗެއް ނެތި، އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރި އަހުމަދު ނިމާދު (ނިމާ)ގެ އިރުޝާދުގެ ދަށުން އީގަލްސް އިން ކުޅެމުން އަންނަތާ ދުވަސްކޮޅެއް ފަހުންނެވެ. އީގަލްސްގެ ހެޑް ކޯޗުގެ މަގާމު ހުސްވީ ޖެނުއަރީ މަހު ނިމުނު ޕްރެޒިޑެންޓްސް ކަޕަށް ފަހު، މުހައްމަދު ޝާޒްލީ (ޝާޒް)، މަގާމު ދޫކޮށްލުމުންނެވެ. މަގާމާއި އާތީ ހަވާލުވީ މިމަހު ކުރީކޮޅުއެވެ.
ވެލެންސިއާ އާއި އީގަލްސްގެ ވާދަވެރި ކުރިމަތިލުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުންވެސް ވަނީ ހުސްވި ޓްރާންސްފަރ ވިންޑޯގައި އެޓީމުތަކާ ގުޅުނު ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ 11 ގައި ހިމަނާފައެވެ. ވެލެންސިއާ އިން ޓްރާންސްފާގައި އެ ޓީމާ ގުޅުނު އަބްދުﷲ ހަނީފް (ބެންޖޯ)، މުހައްމަދު އުމެއިރު، އަލީ ޝާމިސް (ތޮއްޕޭ) ލައިގެން ފެށިއިރު، އީގަލްސް އިން ވަނީ އެ ޓީމާ ގުޅުނު އެންހެލް މުނޯޒް އާއި މިސްރުގެ ޑިފެންޑަރު އަހުމަދު ސޯބީ އަށް ފަށަން ފުރުސަތު ދީފައެވެ.
ފުރަތަމަ ހާފުގައި ދެޓީމަށްވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި އީގަލްސްގެ ހަސަން ރާއިފް (ހަންނަ) ވަނީ ވެލެންސިއާގެ ގޯލުގެ ތެރެއަށް ބޯޅަވެސް ވައްދާލާފައެވެ. އެހެންނަމަވެސް ރެފްރީ ވަނީ މިއީ އޮފްސައިޑު ލަނޑެއްކަމަށް ނިންމާފައެވެ. ފުރަތަމަ ހާފު އީގަލްސް އިން ނިންމާލީ ލަނޑަކާއެކު ލީޑުގައި އޮވެގެންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލަައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ހަސަން (އައްމަޑޭ) އެވެ.
ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ އީގަލްސް އިންވަނީ އިތުރު ލަނޑެއް ޖަހާ ލީޑުފުޅާކޮށްފައެވެ. ދެވަނަ ހާފުގެ 3 ވަނަ މިނެޓުގައި މިލަނޑު އީގަލްސް އަށް ކާމިޔާބު ކޮށްދިނީ އިމްރާން ރަޝީދު (އިންމަ) އެވެ.
އޭގެ އިރުކޮޅެއްފަހުން މެޗުގެ 55 ވަނަ މިނެޓުގައި ވެލެންސިއާ އިންވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މިއީ ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ނަގައިދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އުމެއިރު ކާމިޔާބުކުރި ލަނޑެކެވެ.
އެހެންނަމަވެސް މެޗުގެ ފުރިހަމަވަގުތުގެ އެންމެފަހު މިނެޓުގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ލީޑު ފުޅާކޮށްފައެވެ. 90 ވަނަ މިނެޓުގައި މިލަނޑުވެސް އީގަލްސް އަށް ކާމިޔާބު ކޮށްދިނީ އައްމަޑޭ އެވެ.
މިމޮޅާއެކު އީގަލްސް އިންވަނީ އެއްވަނައިގައި އޮތް މާޒިޔާ އާއި ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. އެއްވަނައިގައި 12 މެޗުން 33 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު ދެވަނައިގައި އީގަލްސް އޮތީ 13 މެޗުން 31 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ވެލެންސިއާ އަށް 13 މެޗުން 16 ޕޮއިންޓާއެކު ލިބެނީ ފަސްވަނައެވެ.
ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ. އަދި މިރޭ މާޒިޔާ އާއި ޓީީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާނެ އެވެ.