ކުޑަބިންކޮޅަކުން އެންމެ އެދެވޭ ނަފާއެއް ނެރެވޭ ގޮތަށް ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހއ. ހދ. އަދި ށ. އަތޮޅުގައި ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫޢުން "ސަރަހައްދީ ދަނޑުވެރި-ވިޔަފާރީގެ މައުރަޒު"ގެ ނަމުގައި ހަނިމާދޫގައި ކުރިއަށްގެންދިޔަ މައުރަޒު ހުޅުއްވާދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ކުޑަބިންކޮޅަކުން އެންމެ އެދެވޭ ނަފާއެއް ނެރެވޭ ގޮތަށް ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި ހަމައެއާއެކު ދަނޑުވެރި އުފެއްދުންތައް ގަނެ ވިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ދަނޑުވެރިންނާއި ދެމެދު ވިޔަފާރީގެ ގުޅުންތައް އުފައްދާ، ތަކެތި ގަންނަ ފަރާތްތަކުން ބޭނުންވާ ބާވަތްތައް، ބޭނުންވާ ފެންވަރުގައި އުފައްދާ ބާޒާރަށް ނެރެމުން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މައުރަޒުގެ މަގްސަދަކީ ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ވިޔަފާރީގައި އުޅުއްވާ ފަރާތްތަކާއެކު ވިޔަފާރީގެ ގުޅުން އުފެއްދުމަށް މަގުފަހިކޮށްދިނުމެވެ.

މިމައުރަޒުގައި ބައިވެރިވުމަށް ހއ. ހދ. އަދި ށ. އަތޮޅުގެ 26 ރަށަކުން ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ދައުވަތު ދިން ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ދަޢުވަތު ޤަބޫލުކޮށް ޖުމްލަ 20 ރަށަކުން މި މައުރަޒުގައި ވަނި ބައިވެރިވެފައެވެ.

ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށްވެސް މި މަޢުރަޒުގައި ވަނީ ސްޓޯލްތަކެއް ޚާއްސަކޮށްފަވާއިރު މި މައުރަޒުގައި މިފަދަ 4 ވިޔަފާރިއަކުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯނު ދޫކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ މުޢައްސަސާ ކަމަށްވާ އެސް.ޑީ.އެފް.ސީއިންނާއި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ވަނީ މި މަޢުރަޒުގައި ބައިވެރިވެފައެވެ.

މި މަޢުރަޒުގެ ސަބަބުން ދަނޑުވެރިންނާއި ގަސްކާނާ އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ސާމާނު ވިއްކާ ފަރާތްތައް އެއްބަޔަކު އަނެއް ބަޔަކަށް އަހުލުވެރިވެ، ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަ ފަރާތްތަކުން ބޭނުންވާ ކަންކަން، ނުވަތަ އުފެއްދުންތަކާއިމެދު ދެކޭ ގޮތް ދަނޑުވެރިންނަށް އެނގިގެންދާނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެއެވެ.

އަދި ޖުމްލަ ގޮތެއްގައި މި މަޢުރަޒުގެ ސަބަބުން ދަނޑުވެރިންނާއި، ކަމާގުޅުންހުރި ފަރާތްތަކާއިއެކު ވިޔަފާރީގެ ހަރުދަނާ ގުޅުންތަކެއް ޤާއިމްކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެކަމަށްވެސް މިނިސްޓްރީން ދެކެއެވެ.