މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަހުމަދު ސަމީރު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މީސްމީޑިއާ މެދުވެރިކޮށް ޝެއިޚް ސަމީރަށް މަރުގެ އިންޒާރު ދީފައިވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮލު ދަނޑުގައި ބޭއްވި ހަރަކާތް ބަޔަކު މީހުން ވަދެގަނެ ހުއްޓުވާފައިވަނިކޮށް، ޔޯގާ އާއި ބެހޭ ގޮތުން ޝެއިޚް ސަމީރު މީގެކުރިން ދައްކަވާފައިވާ ވާހަކައަކާއި ގުޅިގެންނެވެ.

ޔޯގާ އަކީ ހުއްދަ ކަމެއް ނޫން ކަމަށް ޝެއިޚް ސަމީރު މީގެކުރިން ދައްކަވާފައިވާ ވާޙަކައެއްގެ ސްކްރީންޝޮޓެއް ސޯޥަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ޝައިޚް ސަމީރު ދަންޖައްސަން ޖެހޭ ކަމަށް ބުނެ މީސްމީޑިއާގައި އިންޒާރު ދީފައިވެއެވެ. އަދި، "މަސްތާނީ މަސްތާނީ" ނަމަކަށް ކިޔާ އެކައުންޓަކުން ވަނީ ޝައިޚް ސަމީރު އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނެވެސް އިންޒާރު ދީފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ޝެއިޚަށް މަރުގެ އިންޒާރުދިން މައްސަލަ އިއްޔެ ދަންވަރު 12:39 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގައި ބުނެފައިވަނީ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން ނުވަތަ އިންޒާރުދިނުމަކީ ކުށެއް ކަމަށެވެ. އެއީ 6 މަސް ދުވަހާއި 18 މަސް ދުވަހާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.