މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ގާޒީން އިތުރަށް މަސައްކަތް ކުރާ ދުވަސްތަކަށް ހާއްސަ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.9 މިލިއަން ރުފިޔާއެވެ. އަދި، އެގޮތަށް މުސާރަ ބޮޑުކުރަން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިފައިވުމާއެކު، ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމުގެ ބާރު މަޖިލީހަށް އޮތަތީ، ޖޭއެސްސީން ވަނީ އެމައްސަލަ މަޖިލީހަށް ފޮނުވާފައެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި، ޖޭއެސްސީން އެދިފައިވާ ގޮތަށް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުއްވުން ފާސްކުރި ނަމަވެސް، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އަދި، އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ އެ ހުށަހެޅުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
އެގޮތުން، ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، މެޖިސްޓްރޭޓުންގެ މުސާރަ މި ދަނޑިވަޅަށް ބޮޑުކުރަން ތާއީދު ނުކުރައްވާ ކަމަށް އެ 2 މެމްބަރުން ވިދާޅުވިއެވެ.
މީގެއިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ހަތަރު މަސް ދުވަހަށް ގާޒީންނަށް އައު އިނާޔަތެއް ދިނުމަށް ހުށަހަޅާފައެވެ. އެމުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ބެކްލޮގްގައި ހިމެނޭ ހުރިހާ މައްސަލައެއް ނިންމުމަށް ގާޒީން ހޭދަކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށް ޑީޖޭއޭއިން ވަނީ ހުށަހަޅާފައެވެ.
އެ މުއްދަތުގައި އިތުރަށް ޚަރަދުވަނީ 600،000 ރުފިޔާއެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް އެ މުއްދަތުގެ ތެރޭގައި އެ އިނާޔަތް ދިނުމަށް ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.