ބޭރުގެ ޑިޕްލޮމޭޓުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ، ބަނަލްއަގުވާމީ ޔޯގާ ދުވަސް ފާަގަކުރުމަށް ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށް ގެންދަނިކޮށް ހިނގާ ދިޔަ ހަމަނުޖެހުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑްކުރައްވާ ޑީއާރްޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ގަލޮޅު ދަނޑުގައި ހިނގި ހަރުކަށި ފިކުރުގެ ހަމަނުޖެހުމާއި ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖޭގައި ތިބޭ ބޭރުގެ ޑިޕްލޮމޭޓުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި އެ ދުވަހު ހިނގާ ދިޔަ ކަންކަމަށް ދިވެހި ސަރުކާރުންނާއި ކަމާއި ބެހޭ އިދާރާތަކުން މައާފަށް އެދެން ޖެހޭނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ރާއްޖެއަކީ އަބަދުވެސް އަމާން މުޖުތަމައެއް ކަމަށާއި މިތަނުގައި ހަރުކަށި ފިކުރަށް ފުރުސަތު ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ގުޅުންތައް ހަރުދަނާކޮށް ހަރުކަށި ފިކުރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ބޭރުގެ ފަރާތްތަކަށާއި ސަރުކާރަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ޔޫތު މިނިސްޓްރީން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑު (ގަލޮޅު ދަނޑު)ގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެކަމަމާ ދެކޮޅު ހަދައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވަދެ މި ހަރަކާތް ހުއްޓުވާފައެވެ. އަދި މިކަން ކުރުމުގެ ތެރެއިން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ، ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ވަނީ އިހުތިޖާޖުގެ ތެރެއިން 6 މީހަކު ހައްޔަރުކޮށްފައެވެ.

މި މީހުންގެ ވަރަވު ހާމަކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި، އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 60 ދުވަސް އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.