ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގަމުންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އިތުރު ފުރުސަތުތައް ހުޅުވާލުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ) އާއި ދެމެދު، އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ އިމާދު އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކުއެވެ.

މި ޕްރޮގްރާމުގެ ދަށުން އާރު.ޑީ.ސީ އިން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕްގެ ފުރުސަރުތައް ހުޅުވާލެވިފައި ވަނީ ކޮންޕަނީ އޮޕަރޭޝަން، ސައިޓް ސުޕަވިޝަން، އިންވެންޓަރީ މެނޭޖްމަންޓް، ޕެއިންޓިންގ، އޮޓޮމޭޓިވް މެއިންޓަނަންސް، ރެފްރިޖެރޭޝަން އެންޑް އެއަރކޮން ޑިޝަން މެކޭނިކް، ކޮންޕިއުޓަރ ހަރޑްވެއަރ އެންޑް ނެޓްވަރކިންގ، ވެލްޑިންގ، ކާޕެންޓްރީ، އިލެކްޓްރިކަލް އިންސްޓޮލޭޝަން އަދި ހެވީ ވެހިކަލް އޮޕަރޭޝަންގެ އިތުރުން ފްރަންޓް އޮފިސް މެނޭޖްމަންޓް ފަދަ ދާއިރާތަކުންނެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްސަދަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދުމަށް މަގުފަހިކޮށްދިނުމެވެ. އަދި ކަނޑައެޅިފައިވާ އެކި ދާއިރާތަކުން ފަންނީ ޤާބިލުމީހުން ބިނާކޮށް، ވަޒީފާގެ މައިދާނަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ބޭނުންވާނެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތުތަކެއް އެ ފަރާތްތަކަށް ފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމްތަކަށާއި އަދި މި ޕްރޮޖެކްޓުގެ ދަށުން ހިންގާ އިތުރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.