ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އެޅުމަށް ދަނޑުތެރެއަށް ވަތް މީހުންގެ ތެރެއިން ހައްޔަރުކުރި މީހުންގެ އަދަދު ނުވަޔަކަށް އަރައިފިއެވެ.

އެންމެ ފުރަތަމަ މި ހާދިސާއާ ގުޅިގެން ހައްޔަރުކުޜި 6 މީހުންނެވެ. އެ ހަ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އެންމެ ފަހުން ދިން މައުލޫމާތަށް ބަލާއިރު، އޭގެ ފަހުން އިތުރު 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިއާއެކު މި ހަމަނުޖެހުމާއި ގުޅިގެްނަ ހައްޔަރުކުރެވުނު މީހުންގެ އަދަދު 9އަކަށް އިތުރުވީއެވެ.

މައުޅޫމާތު ލިބޭ ގޮތުގައި އެ ތިން މީހުންގެ ތެރޭގައި ޝެއިހު އާދަމް ނިޝާން ވެސް ހިމެނެއެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދަރުސް ދެމުންދާ، ފޭސްބުކްގައި 20،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ ނިޝާން ހައްޔަރު ކުރީ ރެހެންދި ފްލެޓް ކައިރިން ކޯޓު އަމުރެއްގެ ދަށުންނެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝެއިހު ފަޒްލޫން މުހައްމަދު ވެސް ހިމެނެއެވެ. ނިޝާން އާއި ފަޒްލޫން ވަނީ ޔޯގާ ދުވަސް ފާހަގަ ކުރި ގަލޮޅު ދަނޑު ކައިރިއަށް މީހުން އެއްވުމަށް ގޮވާލައި، އެ ސަރަހައްދުގައި ލައުޑްސްޕީކަރު ބޭނުންކޮށްގެން ވާހަކަ ދައްކައިފައެވެ.

ޝެއިހް ނިޝާން އާއި ފަޒްލޫނުގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް މިރޭ ވަނީ ހައްޔަރުކޮށްފައެވެ.

ޔޫތު މިނިސްޓްރީން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑު (ގަލޮޅު ދަނޑު)ގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެކަމަމާ ދެކޮޅު ހަދައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވަދެ މި ހަރަކާތް ހުއްޓުވާފައެވެ. އަދި މިކަން ކުރުމުގެ ތެރެއިން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ، ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޔޯގާ ހެދުމަކީ ހަރާމް ކަމެއް ކަމަށް އިލްމުވެރިން ބުނި ނަމަވެސް އެކަމަކީ ހަލާލު ކަމެއް ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ނަމަވެސް އިއްޔެ ގަލޮޅު ދަނޑަށް ވަދެ އެތަނުގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި، އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 60 ދުވަސް އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.