ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރުވާންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރުވާންޑާގެ ކިގާލީގައި މި އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ކުރިއަށްދާ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ 1 ފެބްރުއަރީ 2020 ގައި ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރުރެވެ.

ރައީސްގެ މި ދަތުރުފުޅަކީ، ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ހެޔޮވެރިކަމާއި، ގައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި، ދުނިޔޭގެ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ މުޖުތަމަޢާއެކު، ޚާއްޞަކޮށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކާއެކު ރާއްޖެއިން މަސައްކަތްކުރުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އެގޮތުން މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ގައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން، އެންމެން ޝާމިލުވާ، ހަރުދަނާ، އަދި ތިމާވެށްޓާ މެދު ހޭލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ހޯދުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ގައުމުތަކުގެ ވެރިންނާއެކު ބާއްވަވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަގްވާމީ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.