މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފާއި އެމަނިކުފާނުގެ އާއިލާއަށް މަރުގެ އިންޒާރު ދީ މެސެޖެއް ފޮނުވައިފިއެވެ.

މިނިސްޓަރ ވަނީ އިންޒާރު ދިފައިވާ މެސެޖްތަކުގެ ސްކްރީންޝޮޓެއް މިއަދު މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ.

އެމެސެޖު ތަކުގައި ބުނެފައިވަނީ، އެ މެސެޖުތަކަކީ އިންޒާރެއް ކަމަށާއި، "މިއަދު ވެސް އަތުގައި ޖެހުނު ނަމަ ނޮޅާލީމުސް" ކަމަށެވެ. އަދި އެއްވެސް ޖަމިއްޔާއަކަށް އަދި އޭގެތެރެއިން މީހަކަށް ފިޔަވަޅެއް އެޅިނަމަވެސް މަހުލޫފާއި، މަހުލޫފްގެ އާއިލާގެ ޒަމާން ދުއްވާލާނެ ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.

މި މެސެޖުތައް ހިއްސާކޮށް މަހުލޫފް ވިދާޅުވެފައިވަނީ، "ތިޔަކަހަލަ ކޮހެއްގެއަތުން މަރުވެއްޖެޔާ ޔަގީނުންވެސް އަޅުގަނޑު ވާނީ ޝަހީދަކަށް" ކަމަށެވެ. އަދި ބިރު ދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލު ނުވާނެ ކަމަށްވެސް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ. އަދި މިނިސްޓަރު ކަމަކީ މާގަދަ ކަމެއްކަމަށް ތިމާއަށް ގަބޫލުކުރެވުނަސް، މަގާމަކީ އެމަނިކުފާނަށް އެއްވެސް މުހިއްމުކަމެއްނޫން ކަމަށާއި ބިރުދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލްނުވާނެ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

އިންޒާރުގެ މި މެސެޖަކީ، އަންގާރަ ދުވަހު ހެނދުނު ގަލޮޅުދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާއި ގުޅިގެން ހިނގާދިޔަ އަދި މިހާރުވެސް ހިނގަމުން އަންނަ ކަންތައްތަކާއި ގުޅިގެން ދީފައިވާ އިންޒާރެއްކަމަށް ބެލެވެއެވެ. ޔޯގާ ހަރަކާތަށް ހުރަސްއަޅާ ހަމަލާދިން މައްސަލައިގައި އިއްޔަވެސް ފުލުހުންގެ ހައްޔަރަށް ބައެއް މީހުން ގެންގޮސްފައިވެއެވެ.

އެދުވަހުގެ ހަމަލާ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި އެކަން ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްވެސް އެކުލަވާލާފައިވެއެވެ.