އިސްލާމް ދީނުގެ ނަމުގައި ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި، މަދު ބަޔަކު ހިންގާ ހަރުކަށި އަމަލުތައް ދީނީ އިލްމަށް ނިސްބަތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ އައުން ކުށްވެރި ކުރާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިފަދައިން ބުނެފައިވަނީ، އައްޝައިޚް ފަޟްލޫން މުހައްމަދާއި އައްޝައިޚް އާދަމް ނިޝާންނަށް ދީފައިވާ ދީނީ ތަގްރީރުކުރުމާއި ވަޢުޡު ބުނުމާއި ދީނީ އިރުޝާދު ދިނުމުގެ ހުއްދަ ހިފަހައްޓާފައިވާކަން އަންގައި އެ މިނިސްޓްރީން ނެރުނު ބަޔާނުގައެވެ.
ބަޔާނުގައި ބުނެފައިވަނީ ޝެއިޚް ފަޟްލޫނާއި ޝެއިޚް ނިޝާންގެ ހުއްދަ ހިފަހައްޓާފައިވަނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ހިންގުނު ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ޑިޕްލޮމެޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތުދީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ އެކަމާއި ގުޅިގެން ފުލުހުން ޝައިޚް ނިޝާން އަދި ޝެއިޚް ފަޟްލޫނާ ގުޅޭ ތަހުގީގެއް ކުރަމުންދާކަށް އެ މިނިސްޓްރީއަށް އަންގާފައިވާތީ ކަމަށެވެ.
މީގެއިތުރުން، މުޖުތަމައުގައި އިލްމުވެރިންނަށް ދެވިފައިވާ ގަދަރާއި ހައިބަތު ކުޑަކުރުމަކީ ހަރުކަށިކަމަށް ހުޅުވައިލެވޭ ދޮރެއް ކަމަށާއި، ބާތިލް ފިކުރުތަކަށް އަފްރާދުން ދާ އެންމެ ބޮޑު އެއް ސަބަބަކީ ދީނުގެ ސައްހަ އިލްމު ނެތުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި، މިފަދަ ފިކުރުތަކާ ދެކޮޅަށް ހިންގަންޖެހޭ އެންމެ މުހިންމު ހަރަކާތަކީ މުޖުތަމައުގެ ހުރިހާ ފަންތިއަކާއި ގިންތިއަކަށް އިސްލާމް ދީނުގެ އިލްމު ފޯރުކޮށްދިނުން ކަމަށްވެސް ބަޔާނުގައިވެއެވެ.
މިނިސްޓްރީން ވަނީ ދީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ޝަރުއީ ރިވެތި އުސޫލުތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް އެންމެހައި ދީނީ އިލްމުވެރިންނަށް އިލްތިމާސްކޮށްފައެވެ.