ރާއްޖޭގައި އިމާރާތް ކުރަން ނިންމާފައިވާ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ހަދަން ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އަށް ދިމާވީ އަނބޮއްފުޅާއި ދަނބޮއްފުޅަށް ކުރަން ޖެހުނު ދަތުރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ މި ޕްރޮޖެކްޓަކީ ބޮޑު އޮޅުވާލުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ ލިޔުއްވުމަށްފަހު ޑަޗް ޑޮކްލޭންޑްސްއަށް ދިމާވީ އެ ދަތުރު ކަމަށެވެ.

މީގެއިތުރުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފްލޯޓިން ސިޓީގެ ވާހަކަތައް ބޭރުގެ މީޑިއާތަކަށް އެރި ނަމަވެސް ރާއްޖޭގެ އިކޮނޮމިކް ކައުންސިލުން އެމަޝްރޫއު ހުއްޓުވާފައިވާ ކަމަށެވެ. އަދި، އެކަން ކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރުން ނުދެއްކި ކަމަށް ތުހުމަތުކޮށް ރައީސް ނަޝީދު ވިދާޅުވީ، އެކަން އެގޮތަށް ސަރުކާރުން ކުރަނީ އެ މަޝްރޫއު އެމަނިކުފާނާ ގުޅޭތީ ކަމަށެވެ.

އެހެންކަމުން، އެކަމުގެ މައުލޫމާތު ޑަޗް ޑޮކްލޭންޑްސްއަށް ދިނުމަށްފަހު ކަން ހިނގާ ގޮތް ސާފުކޮށްދީ، އެކަން ރާއްޖޭގައި ވާން ނެތްކަމުގެ ލަފާ އަރުވަން ގަސްތުކޮށްފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި، މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވީ، އެމަޝްރޫއަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް އެކުންފުނިން މިހާރު ވިއްކާލާފައިވާ ކަމަށާއި، އެފަދަ މަޝްރޫއެއްގެ ދަށުން ސޯޝަލް ހައުސިން ބިނާ ކުރުމަކީ ގާނޫނުން ތަންދޭ ކަމެއްވެސް ނޫން ކަމަށެވެ.

ޑަޗް ޑޮކްލޭންޑްސްއަށް އެ މަޝްރޫއު ހަވާލުކުރިތާ އަހަރެއް ވާން ކައިރި ވެފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ބައިސަން މޯލްޑިވްސް އާ ހަވާލުކޮށްފައެވެ.

ފްލޯޓިން ސިޓީގެ ފުރަތަމަ ގެ ދައްކާލަން ދިން ތާރީހަކީ މިދިޔަ ރޯދަ މަހެވެ. ނަމަވެސް އެ މުއްދަތަށް އެތަން ނިންމިފައެއް ނުވެއެވެ.