ކޮވިޑް-19 ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށްފައިވާ އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖަހަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖަހާނީ، ތިންވަނަ ޑޯޒް ޖެހި ފަހުން ހަތަރު މަސް ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ހިމެނެނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި, އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދީފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި, ދިގުމުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި, ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުންވެސް ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ހިމެނޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެއިތުރުން ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުންނާއި, ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުންނާއި އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުންނާއި ފުއްޕާމޭގެ ބަޔެއްގެ ސަބަބުން ގޭގައި އޮކްސިޖަންގެ ތެރަޕީގެ ފަރުވާ ލިބޭ މީހުންނާއި އެ ފަރުވާއަށް ޑޮކްޓަރު އިރުޝާދު ދީފައިވަނީ މީހުންގެ އިތުރުން ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުންނާއި ފަރުވާދިފައިވާ މީހުން ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިން ކަމަށެވެ. އަދި މާދަމާ އިން ފެށިގެން މި ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.