ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ހުޒައިފާ މުހައްމަދު އައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެމަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން، މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށްޓަކައި، އިންޓަވިއު ކުރުމަށްފަހު، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން ހުޒައިފާއަކީ އެ މަގާމަށް "ހައިލީ ރިކޮމެންޑެޑް" ބޭފުޅެއް ކަމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައެވެ.

ހުޒައިފާ މުހައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯވ ހާސިލްކުރައްވާފައިވާ ކަނބަލެކެވެ. އެކަމަނާ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

ހުޒައިފާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ ޖޫން 27 ވާ ހޯމަ ދުވަހުއެވެ.