ދިވެހިރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން އެކުލަވާލައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އޭޖީ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަޚްލާގީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށެވެ. އަދި އެކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި އެގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މި އިސްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާ މައިގަނޑު ކަންތައްތަކަކީ:
- އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުން ނުވަތަ ބަދަލު ގެނައުން.
- އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުން.
- އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ ފުރައްސާރަ ކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން.
- އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން.
މި ބިލަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ މި ކެމްޕެއިންގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާތީ، އެ ކެމްޕޭން ހުއްޓުވުމަށް އަންގައި ގަރާރެއްވެސް ނެރުއްވާފައެވެ.