މީގެކުރިން ކުލަބަށް ކުޅެފައިވާ ބިދޭސީ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ. އެފްއޭއެމް އާއި ހަވާލުކޮށް، އެ ފައިސާ ކުޅުންތެރިންނަށް ދެއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް، ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެދިއްޖެއެވެ.

ހަލުވި ދުވެއްޔެއްގައި، ވަރުގަދަ އަޒުމެއްގައި ނިއު އިން ދިވެހި ފުޓުބޯޅައަށް އެނބުރި އައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެޓީމު އޮތީ 2019 ވަނަ އަހަރު ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސަސްޕެންޝަނެއްގައެވެ. އެންމެ ފުރަތަމަ އެގޮތަށް ނިންމީ އެފްއޭއެމްގެ އެކްސްކޯ އިންނެވެ. އެނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފައެވެ. އަދި އޭގެފަހުން ތިން ފަހަރެއްގެ މަތިން ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ވަނީ ފާސްކޮށްފައެވެ. ނިއު އޮތީ އެފްއޭއެމްގެ އިތުރުން ފީފާގެ ވެސް ސަސްޕެންޝަނެއްގައެވެ.

މީގެތެރެއިން ބިދޭސީ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ އެފްއޭއެމް އާއި ހަވާލުކޮށް އެކަންތައް އަވަހަށް ނިންމައިދިނުމަށް އެފްއޭއެމްގައި ނިއު އިން އެދިފައިވާއިރު، ދިވެހި ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައިވެސް އެއްބަސްވުމަކަށް ނުވަތަ "ސެޓްލްމަންޓް" އަކަށް އައުމަށް ނިއުއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

"ވީނިއުސް" އާއި ވާހަކަދައްކަވަމުން ނިއު ރޭޑިއަންޓްގެ އައު ޗެއާމަން އަހްމަދު ވާސިފް ވިދާޅުވީ، ބިދޭސީ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ މިހާރު އެފްއޭއެމް އާއި ހަވާލުކޮށްފައިވާ ކަމަށާއި، ދިވެހި ކުޅުންތެރިންގެ މުސާރައިގެ ކަންކަމުގައި މިހާރު މަޝްވަރާކޮށް، ބައެއް ކުޅުންތެރިންނާއެކު އެއްބަސްވުމަށްވެސް އާދެވިފައިވާ ކަމަށެވެ.

އެގޮތުން ދިވެހި 10 ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިންނާއެކު ސެޓްލްމަންޓް އެގްރީމަންޓް އެއް ހަދާ، ފަހުން ނުވަތަ މަހުންމަހަށް ބަހާލައިގެންވިޔަސް އެ ކުޅުންތެރިންނަށް ނުލިބި ހުރި މުސާރަ ހަމަޖައްސާދޭ ގޮތަށް، އެ ކުޅުންތެރިންނާ މަޝްވަރާކޮށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި އަނެއް ދެކުޅުންތެރިންނާއެކުވެސް މިކަމުގެ މަޝްވަރާތައް މިހާރު ކުރަމުންދާ ކަމަށް ވާސިފް ވިދާޅުވިއެވެ.

ވާސިފް ވިދާޅުވީ، ނިއު އިން އަންނަމަހު ފަށާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވަމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެހެންނަމަވެސް މިކަމަށް އަލިމަގެއް ފެންނާނީ މުސާރައިގެ ކަންކަން ޕްރޮސެސް ކުރެވި، ނިއުއާ ދެކޮޅަށް ފީފާ އަށް ކުޅުންތެރިން ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމުން، ނިއުގެ ޓްރާންސްފަރ ބޭން ފީފާ އިން އުވާލުމުން ކަމަށެވެ. އެއާއެކު ނިއުއަށް ކުޅުންތެރިން ރަޖިސްޓްރީ ކޮށްގެން މުބާރާތުގައި ވާދަކުރަން ހުރަހެއް ނޯންނާނެއެވެ.

މި މަސައްކަތުގައި ކުރިއަށް އޮތް ދެތިން ހަތަރު ދުވަހަކީ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭނެ ދުވަސްތަކެއް ކަމަށާއި، ބިދޭސީ ހަތަރު ކުޅުންތެރިންގެ ލޯޔަރުންނާވެސް މިކަމުގައި މުހިންމު މަޝްވަރާތަކެއް ކުރަމުން އަންނަކަން ވާސިފް ހާމަކުރެއްވިއެވެ. އަދި ނިއުގެ ސަޕޯޓަރުންގެ ކިބައިން އެދެނީ ކެތްތެރިކަމާއެކު މަޑުކޮށްލުމަށް ކަމަށާއި، އައު ބޯޑުން ނިއު އެނބުރި ފުޓުބޯޅައިގެ ތެރެއަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި ދެވަނަ ޑިވިޝަނުން މިފަހަރު ނިއު ފެންނާނެކަން ކަށަވަރުވާނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވިއެވެ.

ނިއު އަށް ދެ ވަނަ ޑިވިޝަނުގައި ބައިވެރިވެވޭނީ، ސަސްޕެންޝަން އެއްކޮށް އުވާލުމުންނެވެ. ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު މިހާރު ދީފައި އޮތީ އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށެވެ. ނިއު އިން އެ ކްލަބްގެ ދަރަނި ދެއްކިހާ އަވަހަށް އެފްއޭއެމްގެ އެކްސްކޯ އިން އެ ކްލަބްގެ ސަސްޕެންޝަން އުވާލާ ގޮތަށް، އެ ކޮމިޓީ އަށް ބާރު ދިނީ މި މަަހު ކުރީކޮޅުގައި ބޭއްވި އެފްއޭއެމް އަހަރީ ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުގެ މެޖޯރިޓީންނެވެ.

މީގެއިތުރުން ވާސިފް ވިދާޅުވީ، ނިއުގެ ސަސްޕެންޝަނުގައި އެފްއޭއެމްގެ އިހުމާލު އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ އެންމެ ފުރަތަމަ ޖޫރިމަނާ ކުރި ހިސާބުންވެސް އެފްއޭއެމް އިން ނިއުގެ އޭރުގެ ވެރިންނަށް އެކަން އެންގި ކަމަށާއި، ކުޅުންތެރިންގެ ކަންތައްތަކުގެ އިތުރުން ލޯކަލް ކުންފުންޏަކުންވެސް ދިމާވި ކަމެއްގެ ސަބަބުން ނިއު ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ކުރި 3000 ޑޮލަރުގެ ޖޫރިމަނާ 10،000 ޑޮލަރަށް އެރިއިރުވެސް އޭރުގެ ނިއުގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތަކުން އަޅާ ނުލާކަން ފާހަގަކުރިއެވެ.

އަދި ނިއު އިން އެނބުރި އައުމަށް ކުރަމުން އަންނަ މަސައްކަތުގައި އެފްއޭއެމް އާއި ދިވެހި ސަރުކާރުންވެސް ބޮޑު އެއްބާރުލުމެއް ދެމުން ގެންދާކަން ވާސިފް ފާހަގަކުރިއެވެ.

ދެވަނަ ޑިވިޝަނުން ފެށުމަށް ނިއު އިން މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން އަންނަނީ ނުރަސްމީ ފަރިތަކުރުންތަކެއްވެސް ބާއްވަމުންނެވެ. ޓީމުގެ ކުރީގެ ކުޅުންތެރިޔާ ސޮބާހު މުހައްމަދުގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، ބިދޭސީ ހަތަރު ކުޅުންތެރިއަކު ޓީމުގައި ރަޖިސްޓްރީ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް އޮތް ހުރަހަކީވެސް ޓްރާންސްފަރ ބޭން އެވެ. ނިއު އިން ގެންނަ ކުޅުންތެރިންގެ ތެރޭގައި މިސްރުގެ ކުޅުންތެރިޔަކާ ގާނާގެ ދެ ކުޅުންތެރިއަކު ހިމެނެއެވެ.