ސައްތައިންސައްތަ މުސްލިމުން ދިރިއުޅެމުންދާ މި ގައުމުގައި، ދީނަށް ހަޖޫޖަހާ، ފުރައްސާރަ ކުރާ މީހުން މަދުން ނަމަވެސް ފެންނަމުންދާކަން މިއީ ހިތާމަވެރި އެހެންނަމަވެސް ހަގީގަތެކެވެ.

މީސްމީޑިއާގެ އެކި މަންސަތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ފަރުދާގެ ފުރަގަހުގައި ފިލާ ތިބެގެން، ވަގު އެކައުންޓުތަކުގެ އެހީގައި މިފަދަ އެތައް ބަޔަކު ދަނީ އިސްލާމްދީނާއިމެދު އެމީހުންގެ ހިތުގައި އޮތް ނަފްރަތާއި، ނުރުހުން، ހަޑިމުޑުދާރު ބަޚުރުވައިން ބަޔާންކުރަމުންނެވެ.

ސުވާލަކީ، އެއްވެސް އިލާހަކު ނުވާކަމަށް ދައުވާކުރާ "އެތީސްޓުން"، ހަމައެކަނި އިސްލާމް ދީނާއި، އެއްކައުވަންތަ ﷲ އަށާއި އެކަލާނގެ ނަބިއްޔާއަށް ފުރައްސާރަކޮށް، ހަމަލާދިނުމަށް މަސައްކަތް ކުރަނީ ކީއްވެގެންތޯއެވެ. އެތީސްޓަކަށް ވުމަކީ އިސްލާމް ދީނާއި އެދީނުގެ އަހުލުވެރިން އެމީހެއްގެ ދުޝްމަނުންނަށް ވާންޖެހޭ ސަބަބަކަށް ވަނީތޯއެވެ.

މިއީ އަދި މުޅިން އެހެން މައުލޫއެކެވެ. ހަގީގީ ސުވާލަކީ، މިފަދަ ކަންތައްތައް ކުރާ މީހުން ހޯދުމުގައި އާއި، އެމީހުން ހޯދުނަސް، ތަހުގީގު ދިގުލައިގެން ދިއުމާއި، އެފަދަ އެތައް މީހެއް ގައުމު ދޫކޮށް ފިލައިގެން ދާނެ މަގު އެހާ ފަސޭހައިން ފެންނަނީ ކީއްވެގެންތޯއެވެ؟ އެމީހުންގެ އަމަލުތަކުގެ ސަބަބުން އައިސްދާނެ ނުރައްކަލުން ސަލާމަތްވުމަށް، ތަހުގީގާއި، ގާނޫނު އަރާ ހަމަކުރުމުގެ ކުރިން އެމީހުންނަށް އެކަމުން ސަލާމަތްވެ އެހެން ގައުމެއްގައި ނަމަވެސް އުފަލާ ހިތްހަމަ ޖެހުމުގައި އުޅެވެނީ ކީއްވެތޯއެވެ؟ އޭގެކުރިން އެމީހުން މުއައްސަސާތަކުގެ ބެލުމުގެ ދަށަށް ނުގެނެވެނީ ކީއްވެގެންތޯއެވެ؟ މިއީ ހައްތަހާވެސް ހިތުގައި އުފެދޭ ސުވާލުތަކެވެ.

ފަހުގެ ތާރީހެއްގައި އެންމެ އަވަސް ތަހުގީގެއް ކޮށް، ކަމުގައި ޝާމިލުވާ ކަމަށްބުނެ ބަޔަކު ހައްޔަރު ކުރެވުނީ، މިމަހުގެ 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތްތަކަށް ހުރަސް އެޅިކަމަށްބުނާ މީހުންނާ، މި ހަމަނުޖެހުމަށް ވާގިވެރިވި ކަމަށްބުނެ، އެކަމުގެ ތުހުމަތުގައި 22 ވަނަ ދުވަހު ހައްޔަރުކުރެވުނުމީހުންނެވެ.

ހަމަނުޖެހުންތައް ހިންގި އެއްވުމަށް ދައުވަތު ދިން ކަމަށާ އެއްވުމުގަ އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގަ ދެ ޝައިހެއް ހައްޔަރުކުރުން

ގާތްގަނޑަކަށް 24 ގަޑިއިރުގެ ތެރޭގައި 9 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭގެތެރެއިން 6 މީހުންނަކީ ސީދާ ޔޯގާ ހަރަކާތަށް ހުރަސް އެޅުމަށް ކުރި މަސައްކަތުގެ ތެރެއިން އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން ހައްޔަރުކުރި 6 މީހުންނެވެ. ދެންތިބި ތިން މީހުން ހައްޔަރުކުރީ 22 ވަނަ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ. މި ތިން މީހުންގެ ތެރޭގައި އައްޝައިހް ފަޟްލޫން މުހައްމަދު އާއި އައްޝައިހް އާދަމް ނިޝާން ހިމެނެއެވެ. އަދި މި ދެ ޝައިހުންނަށް ދީފައި އޮތް ދީނީ ތަގުރީރު ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަވެސް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަގުތީގޮތުން ބާތިލްކޮށްފައެވެ.

ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މީހުން

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އައްޝައިހް ފަޟްލޫން މުހައްމަދާއި އައްޝައިހް އާދަމް ނިޝާންގެ ހުއްދަ ވަގުތީގޮތުން ބާތިލް ކުރީ ގަލޮޅު ރަސްމީ ދަނޑުގައި ހިންގުނު ހަރަކާތައް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބަންދުކޮށްފައިވާ ސަރަހައްދަކަށްވަދެ، ދައުލަތުގެ މުއްދަލަށް ގެއްލުންދީ، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިންނާއި އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަޤުވާމީ ޑިޕލޮޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދަޢުވަތުދީ އެ އެއްވުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވާތީ ކަމަށެވެ.

ޝައިހް ނިޝާން ހައްޔަރުކުރި ގޮތާއިމެދު އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް!

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ހައްޔަރު ކުރީ ފަސްވަރަކަށް އަހަރުގެ ދަރިފުޅާއި އެކު އިޝާ ނަމާދު ކުރަން މިސްކިތައް ވަޑައިގަންނަވަނިކޮށެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކައިރީގައި ތުއްތު ދަރިފުޅު ހުށްޓާ ޝައިހް ހައްޔަރުކުރުމުން އަމާޒުވި ފާޑުކިޔުންތަކުގެ އިތުރުން، ނަމާދުކުރަން ތަކުރާރުކޮށް ޝައިހް އެދުނު އެދުމަށް އިޖާބަނުދީ، ފުލުހުން ޝައިހް ހައްޔަރުކުރުމުންވެސް ގިނަބައެއްގެ ފާޑުކިޔުން ދިވެހި ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

ކުޑަކުއްޖެއްގެ ހާޒިރުގައި މީހަކު ހައްޔަރުކުރުމާއި، ވަކިކަމެއް ކުރަން ހުއްޓާ މީހަކު ހައްޔަރުކުރުމަށް ފުލުހުންގެ އެތިކްސް ކޯޑުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ލިޔެފައި ނެތަސް، ހައްޔަރުކުރަންދާ ފުލުހުންގެ ޓީމުން ގެންގުޅެންޖެހޭ އާންމު އުސޫލުތަކާއި މިންގަނޑުތަކެއްވެސް ހުންނަންވާނެ ނޫންތޯއޭ ބުނެ ބައެއް ފަރާތްތަކުން ދަނީ ހިތުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ޔޯގާ ހަރަކާތަށް ހުރަސްއެޅުމަށް ހިންގި ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުހީގު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެ، މިކަން ތަހުގީގު ކުރުމަށް ވަޒީރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލާ، ފުލުހުންވެސް މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ދިއުން މިއީ، މި މައްސަލައިގެ ސީރިއަސް މިންވަރު ހާމަކޮށްދޭ ކަންތައްތަކެވެ. އެހެންކަމުން މިކަމުގަ ޒިންމާވާ ފަރާތްތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްޓަކައި ހައްޔަރުވެސް ކުރާނެތާއެވެ.

ދީނަށް ހަޖޫޖަހާ މީހުންގެ މައްސަލަ، ޔޯގާ ހަރަކާތަށް ހުރަސް އެޅި މީހުންގެ މައްސަލައަށްވުރެ ސީރިއަސް ކަން ކުޑައީތަ؟

މިއީ ވަރަށް ގިނަ ދިވެހިން ކުރަމުން އަންނަ ސުވާލެކެވެ. ދީނަށް ފުރައްސާރަކުރާ އެތައް ބަޔަކު މިނިވަނުންގެ ގޮތުގައި މިއަދުވެސް ތިބީ ކީއްވެތޯއެވެ؟ އެފަދަ ފަރާތްތަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ނުދެނީ ކީއްވެތޯ އަބަދުވެސް ދިވެހިން އަހަމުންދެއެވެ.

ފޮޓޯ:- އަވަސް

އިސްލާމްދީނުގެ އަސްލުތަކާއިމެދު ސުވާލު އުފައްދާ، ކީރިތި ރަސޫލާ ކުޑައިމީސްކޮށް ހެދި މޯލްޑިވިއަން ޑިމްކޮރެސީ ނެޓްވޯކް (އެމްޑީއެން) 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އުވާލިނަމަވެސް، އެ ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު ނޭޅެނީ ކީއްވެތޯ، މިއީވެސް ދިވެހިން ކުރަމުން އަންނަ ސުވާލެކެވެ. ހަމަ ގައިމުވެސް މި އަމަލުތައް ހިންގީ އެ ޖަމިއްޔާއިން އިންނެއް ނޫނެވެ. އެ ޖަމިއްޔާގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ. ޖަމިއްޔާގެ ހަރަކާތްތެރިން ކުރި މި ހުތުރު އަމަލު، ޖަމިއްޔާ އުވާލުމަކުން ފޮހެވިގެން ނުދާނެތާއެވެ.

ފޮޓޯ:- އަވަސް

މީގެއިތުރުން ހަތް އުޑުގެ މަތިން ހިދާޔަތުގެ އަލިގަދަ ނޫރު، މުސްލިމުންގެ ދުސްތޫރެއްގެ ގޮތުގައި ބާވާލެއްވި ކީރިތި ގުރުއާނަށާއި، ހުރުމަތްތެރި ކުރެވިފައިވާ މިސްކިތްތަކުގެ ހުރުމަތް ކަނޑާލާ، އެތައް ނަޖިސް އަމަލުތަކެއް ހިންގި މީހަކާއިމެދުވެސް ކަންތައްވި ގޮތް އަޅުގަނޑުމެން މާ ދުރުނޫން ތާރީހެއްގައި ދުށީމެވެ. ސިކުނޑީގެ އުނިކަމެއް ހުރި މީހެއް ކަމަށްބުނެ އެންމެފަހުން އެމީހާވެސް ދޫކޮށްލީއެވެ.

މީގެއިތުރުން މީސްމީޑިއާގައި، ހާއްސަކޮށް ޓުވިޓާގައި އެހެން ނަމެއް ޖަހައިގެން ފޭކް އެކައުންޓްތަކުގެ އެހީގައި ދީނަށް ފުރައްސާރަކުރާ މީހުންނަށް އޮތީ މާމޮޅު ގޮތެކެވެ. އެއީ ކާކުކަން އާންމުންނަށް ހާމަވުމުގެ ކުރިން ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު ގައުމު ދޫކޮށް ފިލައިގެން ގޮސް، މިނިވަން ކަމާއެކު ބޭރު ގައުމެއްގައި ތިބެ އަނެއްކާވެސް ދިވެހިންނަށާއި ދިވެހިން އެ ދީނަކަށް ފުރިހަމައަށް ކިޔަމަންވާ އިސްލާމް ދީނަށް ހަޖޫޖެހުމެވެ.

މީގެ ކުޑަކުޑަ މިސާލެއް ދައްކާލާނަމެވެ. އެންމެފަހުން ހިނގި މިފަދަ ހާދިސާގެ ވާހަކައިންނެވެ.

"ކުރެދިކުރި"ގެ ނަމުގައި ހިންގަމުންދިޔަ ޓުވިޓާ އެކައުންޓަކުން، މާތް ﷲ އަށާއި ރަސޫލާއަށް ފުރައްސާރަކުރަމުންދިޔަ މީހެއްގެ ވަނަވަރު ނޫސްވެރިން ފުލުހުންނާ ހިއްސާކުރީ މި ހަފްތާގެ ކުރީކޮޅުއެވެ. ފުލުހުންނަށް އެކަން ނޭނގި އޮވެދާނެތީއެއް ނޫނެވެ. އެއީ ކާކުކަން ނޫސްވެރިންނަށްވެސް، އަމިއްލަ ހޯދުންތަކުން ހޯދިފައިވާތީ އެކަން ފުލުހާ ހިއްސާކުރީއެވެ.

ހުސައިން ޝައިހާން ނަމަކަށްކިޔާ މީހަކު، އެކައުންޓުގެ ނަން ބަދަލުކޮށްގެން މިކަން ކުރިކަމުގެ ފުރިހަމަ ހެކި ނޫސްވެރިންތަކެއް ވަނީ ފުލުހުންނާއި ހިއްސާ ކޮށްފައެވެ. އެގޮތުން މި އެކައުންޓުން މީގެކުރިން އުރީދޫ އާއި ބީއެމްއެލްގެ ޓުވިޓާ އެކައުންޓުތަކާއި ކޮށްފައިވާ މުއާމަލާތްތައްވެސް ހިއްސާކުރިއެވެ. އެކަމުގެ ހެކިވެސް ހުށަހެޅިއެވެ. ފަހަރެއްގައިވެސް މިކަން ފުލުހުންނަށް ނޭނގި އޮވެދާނެކަމަށް ބަލައިގެންނެއް ނޫނެވެ.

މި މައުލޫމާތުތައް ހިއްސާކުރި ރޭގެ ވަގުތެއްގައި ފުލުހުންގެ ތަރުޖަމާނު ވަނީ މިކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން އެކަމަށްޓަކައި މި މައުލޫމާތު ހިއްސާކުރި ނޫސްވެރިޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

އެހެންނަމަވެސް ދެން ނޫސްވެރިން ފުލުހުންނާއި ހިއްސާކުރީ އަންގާރަ ދުވަހުގެ ވަގުތެއްގައި ޝައިހާން ރާއްޖެއިން ފުރި މައުލޫމާތެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް އައިތޯ ކުރި ސުވާލަށް ޖަވާބު ނުދީ ހުރުމަށްފަހު ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ފުލުހުން ވަނީ މީސްމީޑިއާގައި ރަސޫލާއަށް ބަދުބަސްބުނެ ފުރައްސާރަކުރި މައްސަލައިގެ ތަހުގީގުގައި ކުރަންޖެހޭ މަސައްކަތް ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށް ބުނެ ފުލުހުން އިތުރު ޖަވާބެއް ނުދީ ހުއްޓާލާފައެވެ.

ގުޅުންހުރި އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކުރިއިރު، ނޫސްވެރިންނަށް ވަނީ ޝައިހާން ގައުމު ދޫކޮށް ފިލައިފިކަމުގެ މައުލޫމާތު ލިބިފައެވެ. މިކަމާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ފުލުހުންނާއި ކުރި ސުވާލުތަކަށް މިއަދާއި ހަމައަށްވެސް އަދި ޖަވާބެއް ދީފައެއް ނުވެއެވެ. ޝައިހާން ފުރައިގެން ދިޔަކަމުގެ މައުލޫމާތު ލިބުނު ކަންވެސް އަދި ނުލިބޭކަންވެސް ހާމައެއް ނުކުރެއެވެ.

ކޮންމެއަކަސް، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް އިހުތިރާމް ކުރުމެއްނެތި، ގާނޫނީ އިމުގެ ބޭރުން ކުރާ ކޮންމެ ކަމަކީ، އެއީ ކޮންމެ މީހެއްކަމުގައިވީނަމަވެސް، ހައްގު އަދަބު ލިބެންޖެހޭނެ ކަންކަމެވެ. އަދި މީގެއިން ކޮންމެ ކަމަކާއިމެދުވެސް ކަމާބެހޭ މުއައްސަސާތަކުން އަމަލުކުރަން ޖެހޭނީ އަދުލުވެރި އިންސާފުވެރި ކަމާއެކުގައެވެ. ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށްވީތީ އެކަމުން އިސްތިސްނާ ކޮށްގެން ނުވާނެއެވެ.

މިފަދަ އެތައް މައްސަލައެއް ކުރިމަތިވަނީ ވަކި ޕާޓީއެއް ނުވަތަ ވަކި ބައެއް ވެރިކަމުގައި އޮންނާތީއެއް ނޫނެވެ. ނުވަތަ މުއައްސަސާތަކުގެ ހިންގުމުގެ ހުންގާނުގައި ވަކި ފަރާތެއް ހުންނަވާތީއެއްވެސް ނޫނެވެ. އެހެންނަމަވެސް ޖަވާބުދޭން ނޭންގޭ ސުވާލަކީ މިކަންތައްތައް މިހެން ވަނީ ކީއްވެތޯއެވެ.