ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދީނީ އިލްމުވެރިޔާ ޝެއިހް ފަޒްލޫން މުހައްމަދު ހައްޔަރު ކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ރާއްޖޭގެ ފަނޑިޔާރުންނަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ޝެއިހް ފަޒްލޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޝިރުކާ ދެކޮޅަށް ތެދުވި ކަމަށްޓަކައި މުވައްހިދުންގެ މައްޗަށް ދުނިޔެމަތީ ބަންދުގެ މުއްދަތު ޖެހި މީހުންގެ މައްޗަށް ނަރަކައިގެ މުއްދަތު ޖެހިގެންދާނީ އަބަދުގެ އަބަދަށް ކަމަށެވެ.

މި މައްސަލައިގައި ޝެއިޙް ފަޒްލޫން ހައްޔަރުކުރީ މާވެޔޮ މަގު އޭޑީކޭ ފާމަސީ ކުރިމައްޗަށް ވާ ގޮތަށް އޮންނަ މަގުންނެވެ.

އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެއެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެއެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެއެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހުއެވެ.

މި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު މިހާރު ވަނީ 12 އަށް އަރާފައެވެ.