ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވއި، އެރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން މައުލޫމާތުދޭގޮތުގައި، ކަލައިދޫ ކައުންސިލް މެމްބަރުންވަނީ، ލ. ދަނބިދޫ އަދި ކަލައިދޫ ގުޅުވާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތާއި ކަލައިދޫ ބަނދަރުގެ މަސައްކަތް ނުފެށި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރަށްގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާކަމާއި ސްކޫލަށް މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަމާއި، މިނޫންވެސް ރަށުގެ އިޖްތިމާއީ އިޖްތިމާއީ އިގްތިސާދީ ތަރައްގީއަށް މުހިންމުކަންކަން ފާހަގަކޮށްފައެވެ.

ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މެމްބަރުން ފާހަގަކުރެއްވި ތަރައްގީގެ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލް މެމްބަރުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ކޯޒްވޭގެ މަސައްކަތުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.