ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިލާ ކޮލެޖަށް ޒިޔާރަތްކުރައްވައިފިއެވެ.

މިކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ކުރި އަރާފައިވާ ކޮލެޖް ކަމަށާއި އެ ކޮލެޖަކީ 2010 ވަނަ އަހަރު ފަށާފައިވަ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ޕްރޮޖެކްޓްގެ ވަރަށް ކާމިޔާބު މިސާލެއް ކަމަށެވެ. ހުރިހާ އެންމެންނަށް ވެސް މަތީ ތައުލީމްގެ އާ ސިޔާސަތުގެ ސަބަބަބުން ވިލާ ކޮލެޖްގައި ތައުލީމް ހާސިލުކުރަމުން އަންނަ ދަރިވަރުުންނަށް ލުއި ފަސޭހަތަކެއް ލިބިފައިވާކަން މަޖިލީހުން ވަނީ ފާހަގަކޮށްފައެވެ.

ވިލާ ކޮލެޖްގެ ފަރާތުން "ރީފްރޭމިން އަވަރ ފިއުޗަރ - ޕްލޭސިން ޕީޕަލް އެޓް ދަ ސެންޓަރ" މި ތީމްގެ ދަށުން މި މަހުގެ 25 އިން 26 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ކޮންފަރެންސް، ރައީސް ނަޝީދު ޝަރަފަުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވާކަން ވެސް މަޖިލީހުން މިއަދު ހާމަކުރިއެވެ. މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ތަޤުރީރު ކުރައްވާނެއެވެ.

މި ކޮންފަރެންސަކީ ދިވެހިރާއްޖޭގައި އިލްމީ ސަގާފަތެއް ދިރުވައި އާލާކުރުމަށާއި ކުރެވޭ ދިރާސާތަކުގެ ހޯދުންތައް ވީހާ ވެސް ފުޅާ ދާއިރާއެއްގައި ފެތުރުމާއެކު، ދިރާސާކުރާ ފަރާތްތަކަށް އާ ފުރުސަތަުތަކެއް ފަހިކޮސްދިނުމުގެ މަގުސަދުގައި 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވިލާ ކޮލެޖުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މިއަދު ވިލާ ކޮލެޖަށް ކުރެއްވި ޒިޔާރަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ވިލާ ކޮލެޖުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި، އެ ކޮލެޖްގެ ބާނީ ޤާސިމް އިބްރާޙިމާއި ރެކްޓަރ ޑރ. އަޙުމަދު އަންވަރާއި ވައިސް ރެކްޓަރުންނަށާއި ޑީނުންނަނަށާއި އަދި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ދަންނަވާފައެވެ.

މި ޒިޔާރަތްކުރެއްވުމުގައި ރައީސް ނަޝީދުގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.