މިމަހުގެ 21 ވަނަ ދުވަހު ގަލޮޅުދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ސަބަބުން ހިނގައިދިޔަ ހަމަ ނުޖެހުންތަކާއި ގުޅުންހުރިކަމަށްބުނެ ހައްޔަރުކުރެވުނު ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަމުގައިވާ ޝައިހް އާދަމް ނިޝާން އަދި ޝައިހް ފަޟްލޫން މުޙައްމަދުގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މި ދެ ޝައިހުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެރެއެވެ. ޝައިހުން ހައްޔަރުކޮށްފައިވަނީ، ރަސްމީ ދަނޑުގައި ހިންގި ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ޑިޕްލޮމެޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތުދީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ ކަމަށްބުނެއެވެ.

ޝައިހް ނިޝާން އާއި ޝައިހް ފަޟްލޫންގެ އިތުރުން އިއްޔެ ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަޙްމަދު ނަސޫޙް (26އ)ގެ އިތުރުން ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އެވެ.

އެމީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު ނަސޫޙް އާއި ޢަބްދުﷲ ރިފާޢުއެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުޙައްމަދު އިސްމާޢީލް އާއި އިބްރާހިމް ރައްޒާންއަށް ދީފައިވާއިރު ޝައިހް ނިޝާން އާއި ޝައިހް ފަޟްލޫން އަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.

އިއްޔެ ހައްޔަރުކުރި މީހުންނާއެކު މިމައްސަލައާ ގުޅިގެން މިހާތަނަށް ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ޖޫން 21 ވަނަ ދުވަހު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަ މީހުންނަކީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.