"މަގޭ ޢީދު"ގެ ނަމުގައި ފޯރިގަދަ ޢީދަކަށް ބ. ދަރަވަންދޫ ތައްޔާރުވެފައިވާއިރު، އަޟްހާ ޢީދަށް ދަރަވަންދޫ އަށް ދާން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ޚާއްޞަ ފްލައިޓެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިވެހި ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑު 09:00ގައެވެ.

މި ފްލައިޓުން އެރަށަށް ދާން ބޭނުންވާ ފަރާތްތަކުން ބުކިން ހެދުމަށް ޖެހޭނީ އައިލެންޑް އޭވިއޭޝަންއަށް ގުޅާށެވެ.

"މަގޭ ޢީދު" މި ޝިއާރުގައި ފޯރިގަދަ ޢީދަކަށް ދަރަވަންދޫ ތައްޔާރުވަމުން އަންނައިރު، ޖުލައި މަހުގެ 7 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިއަލަށް އީދުގެ މުނާސަބަތުގައި ހަރަކާތްތަކާއި ކުޅިވަރުތައް އެ ރަށުގައި އޮންނާނެއެވެ. މި ހަރަކާތްތައް ވީޓީވީން ވަގުތުން ދުރައް ދައްކާނެއެވެ.

މިއަހަރުގެ ބޮޑު ޢީދުގައި ދަރަވަންދޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މައިގަނޑު ކުޅިވަރުތަކުގެ ތެރޭގައި، މަންގަލަންދަނޑި، އަސްރަފްތާޖެހުން، ކުރުފަލިޖެހުން، ބޮޑުމަސްކުޅުން، ކޯޑިކުޅުން އަދި ވާދެމުން ފަދަ ފޯރިގަދަ ސަގާފީ ގިނަ ކުޅިވަރުތަކެއް ހިމެނެއެވެ.

ދަރަވަންދޫ ކައުންސިލުން ލަފާކުރާ ގޮތުގައި، ފޯރިގަދަ ކުޅިވަރުތަކާއި ޢީދާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައި ހުރި ހަރަކާތްތަކުގައި ބައިވެރިވުމަށާއި ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ރަށަށް ޒިޔާރަތްކުރާނެއެވެ. އެހެންކަމުން ގެސްޓް ހައުސްތަކާއި، އާންމު ގެތަށް ހިމެނޭހެން މުޅި ރަށް ފުރިގެންދާނެ ކަމަށް ކައުންސިލުން އަންދާޒާކުރެއެވެ.

މީގެއިތުރުން، ހާއްސަ މެހެމާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެ ރަށަށް ޒިޔާރަތްކުރައްވައި ޢީދު ސަލާމްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ، ޢީދުގެ ފޯރި އިތުރަށް ގަދަކުރުމަށް އެ ރަށަށް އަވަށްޓެރި މަލިކުގެ ފަންނާނުންގެ ޓިމެއް ވެސް އައުމަށް ވަނީ ހަމަޖެހިފައެވެ.

ހަތްވަނަ ދުވަހުގެ ފްލައިޓުން ދަރަވަންދުއަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނަކަށް "އަރާފަނި'ގެ ނަމުގައި ހާއްސަ ބުއިމެއް ވެސް ދިނުމަށް ނިންމާފައި ވެއެވެ.