ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް ރުވާންޑާއިން ރަސްމީގޮތުން މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތާއި ރުވާންޑާއަށް ވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި ރުވާންޑާގެ ރައީސް ޕޯލް ކަގާމޭ އާއި އަނބިކަނބަލުން ޖެނެޓް ކަގާމޭ ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

ރަސްމީގޮތުން މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތާއި ރަސްމީ ޖާފަތް ބޭއްވެވީ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ.

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން (ސީ.އެޗް.އޯޖީ.އެމް) 2022ގައި ބައިވެރިވެރިވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގެންފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ، ޑިމޮކްރަސީ އާއި، އިންސާނީ ޙައްޤުތަކާއި، ހެޔޮވެރިކަމާއި، ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި، ދުނިޔޭގެ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު، ޚާއްޞަކޮށް ކޮމަންވެލްތުގެ މެންބަރު ޤައުމުތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ޤައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން، އެންމެން ޝާމިލުވާ، އަދި ތިމާވެށްޓާ މެދު ހޭލުންތެރި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި އެހީތެރިކަން ހޯދުމަށެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ޤައުމުތަކުގެ ވެރިންނާއެކު ބާއްވަވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

މި ބައްދަލުވުމަށް 54 ޤައުމެއްގެ އެންމެ އިސްވެރިން ކިގާލީއަށް ވަޑައިގަންނަވާއިރު، މި ބައްދަލުވުމުގައި ޒުވާނުންނާއި، އަންހެނުންނާއި، ވިޔަފާރިއާއި، މަދަނީ މުޖުތަމަޢުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާތައް ކުރައްވާނެއެވެ. މީގެ އިތުރުން ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިން، ކޮމަންވެލްތް ލީޑަރުންގެ ރިޓްރީޓުގައި ވަކިން ބައްދަލުކުރައްވައި، ކޮންމަންވެލްތްގެ ޤައުމުތަކުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

2020 ވަނަ އަހަރުގެ ފެބްރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނު ފަހުން، މިއީ ކޮމަންވެލްތްގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.