ގަލޮޅު ސްކޫލްގެ 2021 - 2022 ވަނަ އަހަރުގެ ޚަތިމްކުލާސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ހުކުރު ވިލޭރޭ އެ ސްކޫލްގެ ހޯލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިހް އިލްޔާސް ޖަމާލެވެ.

މި ރަސްމިއްޔާތުގައި ގަލޮޅު ސްކޫލުން 2021 - 2022 ވަނަ އަހަރުގެ ޚަތިމްކުލާސް ނިންމި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދީފައި ވެއެވެ. ގަލޮޅު ސްކޫލްގެ ޤުރުއާން ކުލާހުގައި ޖުމުލަ 400އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ.

އޮންލައިންކޮށް ވެސް ކުލާސްތައް ކުރިއަށް ގެންދާތީ މި ކުލާސްތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ދަރިވަރުން ބައިވެރިވެފައި ވެއެވެ.

މި ރަސްމިއްޔާތުގައި 2021-2022 ވަނަ އަހަރު ގަލޮޅު ސްކޫލްގެ ޤުރުއާން ކުލާސް ހިނގާދިޔަ ގޮތުގެ ހާއްސަ ރިޕޯޓެއް ހުށަހަޅައިދީފައި ވާއިރު، ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންގެ ހާއްސަ އައިޓަމްތަކެއް ވެސް ވަނީ ހުށަހަޅާފައެވެ.

ގަލޮޅު ސްކޫލްގެ ޚަތިމްކުލާސް ނިންމުމުގެ ރަސްމިއްޔާތު --- ފޮޓޯ: ވީނިއުސް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިހް އިލްޔާސް ޖަމާލް ވަނީ ކީރިތި ޤުރުއާން އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަޅިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

ގަލޮޅު ސްކޫލްގެ ޚަތިމްކުލާހާއި ގުޅޭ ގޮތުން، ވީނިއުސްއާ ވާހަކަދެއްކި ބެލެނިވެރިން ފާހަގަކުރި ގޮތުގައި މި ކުލާސް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ރަނގަޅަށެވެ. އެންމެ ހިތްހަމަޖެހެނީ ޚަތިމުކުރުމުގެ އިތުރުން ދަރިވަރުންގެ ކިޔެވުމަށް ހާއްސަކޮށް ތަޖުވީދު މަގުން ކިޔެވުމަށް އައިސްފައިވާ ކުރިއެރުން ފެނުމުންކަން ބެލެނިވެރިން ފާހަގަކުރިއެވެ.

އަދި މިފަދަ ކުލާސްތައް ބޭއްވުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް ބެލެނިވެރިން ވަނީ އެ ސްކޫލްގެ މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފައެވެ.