ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ހައްޔަރުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ނާޒިމް ސައްތާރު ހައްޔަރުކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލީ، އޭނާ ކަމަށް ބެލެވޭ މީހަކު އިތުރު ފިރިހެނަކާއެކު އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާތީއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެވީޑިއޯގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، ނާޒިމް ސައްތާރު ހޯދާ، ހިފާ ހައްޔަރުކޮށް ދައުވާ އުފުލުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

އެފަދަ ޢައިރުގާނޫނީ އަދި ލާދީނީ ކަންކަން ކޮށްފަވާ ފަރާރްތަތައް މީގެކުރިންވެސް މިސަރުކާރުން ގައުމުން ބޭރަށް ފުރުވާލާފައިވާކަމަށް ތުހުމަތުކޮށް، އިދިކޮޅުން ވަނީ އެވީޑިއޯއިން ފެންނަ މީހާ ފިލުވަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން އެމީހާގެ ޕާސްޕޯޓު ހިފަހައްޓާ ގައުމުން ބޭރަށް ފުރުން ހުއްޓުވުމުގެ އަވަސް ފިވަޅުތައް އެޅުމަށްވެސް ގޮވާލާފައެވެ.

މީގެއިތުރުން، ސިޔާސީ ގޮތުން ބާރުގަދަ ޢާއިލާއަކަށް ނިސްބަތް ވުމަކީ ފާހިޝް މުޑުދާރު އަމަލުތައް ހިންގާ، ގާނޫނާ ޚިލާފު ވުމަށް ދެވޭ ހުއްދައަކަށް ވެގެން ނުވާނެ ކަމަށާއި، ވަކި ޢާއިލާއަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތް ވީނަމަވެސް ގާނޫނަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިނގަން ޖެހޭނެ އެއްޗެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

މީގެކުރިންވެސް މިފަދަ އެތައް އަމަލެއް ހިންގާފައިވާ ފަރާތްތަކުގެ މައްސަލަތައް ސަރުކާރުން އޮއްބާލާފައިވާކަމަށް ތުހުމަތުކޮށް އިދިކޮޅުން ބުނީ، ރޯޔަލް ރޭޕް ހާދިސާއާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަންހެނުންގެ ޢިއްފަތްތެރިކަން ގަދަކަމުން ފޭރިގަނެފައިވާ ފަރާތްތަކުގެ ކަންކަން ސަރުކާރުން އޮއްބާލާފައިވާ ކަމަށެވެ.

އަދި، ދީނީ އިލްމުވެރިންނާއި ހޯމް މިނިސްޓަރ ފަދަ ޝެއިޚުން ގިނަ އަދަދަކަށް ހިމެނޭ ސަރުކާރަކުން އެފަދަ ލާދީނީ ކަންކަމަށް ހިތްވަރުދީ، ލާދީނީއްޔަތު ޕްރޮމޯޓް ކުރާ ފަރާތްތައް ފުރުވާލާ، އެފަދަ މުޑުދާރު ޢަމަލުތައް ފޮރުވަން މަސައްކަތް ކުރުމަކީ ހިތާމަހުރި ލަދުވެތި ކަންކަން ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ނާޒިމް ސައްތާރު އާއި އިތުރު ފިރިހެނަކު ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯއެއް ކަމަށްބުނެ މީސްމީޑިއާގައި މިހާރު ވީޑިއޯއެއް ވައިރަލް ވެފައިވާއިރު، އެ ވީޑިއޯގައި ފެންނަ މީހާއަކީ އޭނާ ނޫންކަމަށް ނާޒިމް ސައްތާރު ވަނީ ބުނެފައެވެ. އަދި މި ތުހުމަތުތައް ކުރި ފަރާތްތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އޭނާ ވަނީ ދީފައެވެ.