އިންޑިއާގެ ސްޓޭޓެއްގައި އެތެއްގެ ޝިކާރައަކަށްވެ މަރުވުމުން ބޭއްވި ޖަނާޒާގެ ތެރެއިން، އަންހެނަކަށް ހަމަ އެ އެތް އަނެއްކާވެސް ހަމަލާދީފިއެވެ.
މިކަން ހިނގާފައިވަނީ އިންޑިއާގެ އިރުމަތީ ބިތުގެ ސްޓޭޓެއް ކަމުގައިވާ އޮޑިޝާގެ މަޔުރްބާންޖް ޑިސްޓްރިކްޓުގައި ހުންނަ ރައިޕާލް ވިލެޖުގައެވެ. އެތުގެ ހަމަލާ އަމާޒުވެފައިވަނީ އުމުރުން 70 އަހަރުގެ މާޔާ މުރްމޫ ނަމަކަށް ކިޔާ އަންހެނަކަށެވެ.
އެ ސްޓޭޓުގުގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި މާޔާ އަށް އެންމެ ފުރަތަމަ މި އެތް ހަމަލާ ދިނީ، ބުންބާއެއް ކައިރީގައި ފެން ނަގަން ހުއްޓައެވެ. އަދި އެ އެތް އައީ ސީދާ ކޮން ދިމާލަކުންކަން އެ ސަރަހައްދުގައި ތިބި އެހެން މީހުންނަށްވެސް ބުނެދޭން ނޭންގުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް މިއީ މަޔުރްބަންޖް އާއި 200 ކިލޯމީޓަރު ދުރުގައި ހުންނަ ޑަލްމާ ވައިލްޑްލައިފް ސެންކްޗުއަރީ އިން ނުކުމެގެން އައި އެތެއް ކަމަށް، ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އަދި މާޔާ މަރުވެފައިވަނީ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާހޯދަމުން ދަނިކޮށް ހޮސްޕިޓަލުގައި ކަމަށް މާޔާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުންގެ އޮފިސަރު ލޮޕަމުންޑްރާ ނަޔަކް ވަނީ މީޑިއާތަކަށް މައުލޫމާތުދީފައެވެ.
ރިޕޯޓުތައް ބުނާގޮތުން ދެވަނަ ފަހަަރަށް މާޔާއަށް މި އެތް ހަމަލާ ދީފައިވަނީ ޖަނާޒާ ކުރިއަށް ދަނިކޮށެވެ. އެގޮތުން މި އެތް ވަނީ އަށްޓެއްގެ މަތީގައި މާޔާ ބާއްވާފައި އޮއްވާ، އެތަނުން އޭނާ އުފުލާލުމަށްފަހު އަނެއްކާވެސް ބިންމައްޗަށް އެއްލާލާފައެވެ. އަދި މި ހުރިހާ ކަމެއް ހިނގައިދިޔައިރު މާޔާގެ އާއިލާގެ މެމްބަރުންނާއި ޖަނާޒާގެ ބައިވެރިންވެސް ތިބީ ބަލަން ކަމަށާއި އެމީހުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެތާއި އިންސާނުންނާއި ދެމެދު ހިނގާ ކުރިމަތިލުމަކީ އޮޑިޝާ ސްޓޭޓުގައި ވަރަށް އާންމު ކަމެއްކަމަށް ވެއެވެ. މިއީ އެ އެތްތައް ދިރިއުޅޭ މާހައުލުގެ ތެރެއަށް އިންސާނުން ވަދެގަނެ، "އެނިމަލް ހެބިޓެޓް" ހަލާކު ކުރަމުން ދިއުމާއި ގުޅިގެންވާ ކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މީގެއިތުރުން ސަބަބު ނޭނގި އޮޑިޝާ ސްޓޭޓުގައި ގިނަ އަދަދެއްގެ އެތް މަރުވާ ކަމުގެ ރިޕޯޓުތައް ކަމާ ބެހޭ އިދާރާތަކަށް އަންނަނީ ހުށަހަޅަމުންނެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން މި ސްޓޭޓުގައި 1356 އެތް މަރުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެ ސްޓޭޓުގެ ޗީފް ވައިލްޑްލައިފް ވާޑެން އާއި ހަވާލާދީ، އައިއޭއެންއެސް ނިއުސް އޭޖެންސީ އިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި 2021 ވަނަ އަހަރުގެ އޭޕްރިލް މަހާއި އޮކްޓޯބަރު މަހާއި ދެމެދު އެކަނިވެސް 42 އެތް މަރުވެގެން ވަނީ ރިޕޯޓުކޮށްފައެވެ.
އޮޑިޝާ ސްޓޭޓުގެ އިތުރުން އިންޑިއާގެ އެހެން ސަރަހައްދު ތަކުގައިވެސް އިންސާނުންނާއި އެތުގެ ކުރިމަތިލުންތައް ފަހަކަށް އައިސް ގިނަވަމުންދާކަން ތަފާސްހިސާބުތަކުން އެނގެއެވެ. އެގޮތުން މިއަހަރުގެ މާޗު މަހުގެ ތެރޭގައިވެސް އިންޑިއާގެ ޗަޓިސްގަރް ސްޓޭޓުގެ ބިލަސްޕުރް ޑިސްޓްރިކްޓުގައިވެސް އެތުގެ ހަމަލާއެއްގެ ސަބަބުން އަންހެނަކު ވަނީ މަރުވެފައެވެ. އަދި މި ހަމަލާގައި އެ އަންހެން މީހާގެ 8 އަހަރުގެ ދަރިފުޅަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް އެ ސްޓޭޓުގެ ފުލުހުންނާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.