ވިލާ ކޮލެޖްގެ އިންޓަރނޭޝަނަލް ކޮންފެރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރްއައި) މިއަދު ފަށައިފިއެވެ.

ވިލާ ކޮލެޖުގެ އައިސީއެސްއާރްއައި ކޮންފަރެންސްއަކީ ކޮންމެ އަހަރަކު އެއްހަފަރު ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސެކެވެ.

ކޮންމެ އަހަރެއްގައިވެސް މި ކޮންފަރެންސް ބާއްވަނީ ޑިވެލޮޕްމަންޓް ފޯކަސްއެއްގައެވެ. މިފަހަރުގެ ކޮންފަރެންސްވެސް ކުރިއަށްދާނީ އެފަދައިންނެވެ. މިފަހަރުގެ ކޮންފަރެންސްގައި ޔޫއެންގެ އެސްޑީޖީތަކުގެ ތެރެއިން ފަސް އެސްޑީޖީއަކަށް ފޯކަސް ކުރާނެއެވެ.

ޑެޕިއުޓީ ވައިސް ރެކްޓަރ، ރިސަރޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލް ވިދާޅުވި ގޮތުގައި، ކުރީ އަހަރުތަކެކޭ ވެސް އެއް ފަދައިން މިއަހަރުގެ ކޮންފަރެންސްގައިވެސް އެކަޑެމިކް ޕޭޕަރުތައް އެބަހުރި ކަމަށާއި، މިފަދަ ޕޭޕަރުތައް ހުށަހެޅުމުގެ ފުރުސަތު އެކަޑެމިޝަނުންނަށާއި، ޕްރެޓިޝަނުންނަށާއި އަދި ސޯޝަލް ރިސަރޗް ކުރައްވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އައިސީއެސްއާރްއައިގައި ހުށަހަޅަނީ އާންމު ގޮތެއްގައި ފުރިހަމަކޮށްފައިވާ، ނުވަތަ ފުރިހަމަކުރުމުގެ ފަހު މަރުހަލާތަކުގައި ހުންނަ ދިރާސާތަކެވެ. އަދި ހުށަހަޅާ ކަރުދާސްތައް އެ ކޮލެޖުގެ "އިންޓަނޭޝަނަލް ޖާނަލް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން"ގައި ޕަބްލިޝްކުރުމުގެ ފުރުސަތު ވެސް ލިބެއެވެ. އެ ޖާނަލްގެ ދެ އިޝޫއެއް އަހަރަކު ނެރޭ އިރު، ކޮންމެ އިޝޫއެއްގައި ހައެއްކަ ކަރުދާސް ހިމެނެއެވެ.

ވިލާ ކޮލެޖްގެ އައިސީއެސްއާރްއައި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު

ވިލާ ކޮލެޖްގެ ފަރާތުން "ރީފްރޭމިން އަވަރ ފިއުޗަރ - ޕްލޭސިން ޕީޕަލް އެޓް ދަ ސެންޓަރ" މި ތީމްގެ ދަށުން މި މަހުގެ 25 އިން 26 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް، ޝަރަފަުވެރިކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ތަޤުރީރުކުރައްވާފައެވެ.

މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަަން ޑރ އިބްރާހިމް ޙަސަން އާއި، ދައުލަތުގެ މަތީ ފަޑީގައި ތިއްބެވި ބައެއް ބޭފުޅުން އަދި ވިލާ ކޮލެޖްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ކޮންފަރެންސަކީ ދިވެހިރާއްޖޭގައި އިލްމީ ސަގާފަތެއް ދިރުވައި އާލާކުރުމަށާއި ކުރެވޭ ދިރާސާތަކުގެ ހޯދުންތައް ވީހާ ވެސް ފުޅާ ދާއިރާއެއްގައި ފެތުރުމާއެކު، ދިރާސާކުރާ ފަރާތްތަކަށް އާ ފުރުސަތަުތަކެއް ފަހިކޮށްދިނުމުގެ މަގުސަދުގައި 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވިލާ ކޮލެޖުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

އައިސީއެސްއާރްއައިގެ ނަމުގައި ބައިނަލްއަގުވާމީ ކޮންފަރެންސެއް ފެށުމުގެ ކުރިން ވެސް ދިރާސާކުރުމުގެ އާދަ އާއި އެކަމަށް މީހުން ތަމްރީން ކުރަން ހާއްސަ އިންސްޓިޓިއުޓެއް ވިލާ ކޮލެޖުގައި ގާއިމްކުރިއެވެ. "އިންސްޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން" ނަމުގައި ފެށި އެ ސެންޓަރުގެ މަގްސަދަކީ ދިރާސާކުރަން މީހުން ތަމްރީންކުރުމާއި ދިރާސާގެ ސަގާފަތެއް ރާއްޖޭގައި އާލާކުރުމެވެ.

މި އަހަރުގެ ކޮންފަރެންސްގައި 50 އަށް ވުރެ ގިނަ އިލްމީ ދިރާސާ ކަރުދާސްތައް ހުށަހަޅާ އިރު، އިޖްތިމާއީ އެކި ދާއިރާތަކުގެ މައްޗަށް ފަސް ޕެނަލް ޑިސްކަޝަން އާއި ހަތަރު ކީ ނޯޓް ސްޕީޗް ވެސް ކުރިއަށް ގެންދާނެއެވެ