ޒަމާނުއްސުރެ ދިވެހިންގެ މުޖުތަމައުގަ ހުރިހާ ރޮނގެއްގައިވެސް އަންހެނުންނަކީ ކާމިޔާބު ހޯދާފައިވާ ބައެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މާލޭސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އަހަރު ފުރިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންހެނުންނަކީ މުހިންމު ހިއްސާއެއް ގައުމަށް އަދާކޮށްފައިވާ ބައެއްކަން ތާރީޚުން އެނގެން އެބައޮތް ކަމަށާއި ޒަމާނުއްސުރެ ދިވެހިންގެ މުޖުތަމައުގަ ހުރިހާ ރޮނގެއްގައިވެސް އަންހެނުންނަކީ ކާމިޔާބީ ހޯދާ އަދި ލިޑާޝިޕް ރޯލެއް ކުޅެފައިވާ ބައެއް ކަމަށެވެ.

އެގޮތުން ސިޔާސީ މައިދާނަށް ބެލިނަމަވެސް އަދި ރަސްކަން ކުރެއްވި ބޭފުޅުންނަށް ބެލިނަމަވެސް އެކަން އެގޮތަށް ފެންނަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަހުގެ ތާރީޚުގަވެސް ސިޔާސީ އަންހެން ބޭފުޅުންގެ ރޯލު ވަރަށް މުހިންމު. ރާއްޖޭ މިއަދު މިދެކޭ ޑިމޮކްރަސީ ގެނައުމުގަވެސް އަންހެން ބޭފުޅުން ވެވަޑައިގެންނެވި ގުރުބާނީ އޭހާމެ މުހިންމު. މިއަދުގެ ސަރުކާރުގަވެސް ސިޔާސީ މަގާމުތަކުގަވެސް ތަފާތު ގިނަ އަންހެން ބޭފުޅުން އެބަތިއްބެވި. ކުރިން އަޅުގަނޑުމެން ހީނުކުރާ ފަދަ މަގާމުތަކުގައިވެސް އަންހެނުން އެބަތިބި. ރާއްޖޭގެ އިޖްތިމާޢި ދާއިރާގައިވެސް އަންހެން ބޭފުޅުން ދައްކުވައިދެނީ ނަމޫނާ މަސައްކަތްތަކެއް."
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

އެހެންކަމުން މިނިސްޓަރ ވިދާޅުވީ ޒަމާނުއްސުރެ އަންހެނުންނަކީ ގައުމަށް ނުހަނު ބޭނުންތެރި ޚިދުމަތްތަކެއް ކުރައްވަމުން އައިސްފައިވާ ބައެއް ކަމަށާއި ސަރުކާރުން ދާދި ފަހުން އެކުލަވާލި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ވަރަށް މުހިންމު ޑޮކިއުމެންޓެއް ކަމަށެވެ.

އަދި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނުގަ ހުރި ކަންކަމުގެ ތެރެއިން ސަރުކާރުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމުގަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މުހިންމު ދައުރެއްއަދާ ކުރެވިދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެއީ ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަން ނިންމާފައިވާ އެކި ކަންތައްތައް ތަންފީޒު ކުރަމުންދަނީ އެންމެ ފުރިހަމައަށްތޯ މޮނިޓަރ ކުރުމުގެ ރޯލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރެވިދާނެ ކަމެއް. އަދި ސަރުކާރުގެ އެކި ވުޒާރާތަކަށް ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްތޯ ބަލާ އެ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގަ އިސްރޯލެއް އަދާކުރުމަކީވެސް ކޮމެޓީތަކުގެ މެމްބަރުންނަށް ކުރެވިދާނެ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން."
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގަ އަންހެނުން ސިޔާސީ ދާއިރާގަ ބާރުވެރިކުރުވުން ހިމެނޭކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.