ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު އެމްއެންޑީއެފް ސެކަންޑް ސްކޮޑްރަންއަށް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރުއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ޑައިވަރުންނާ އެކު މިއަދު ހެނދުނު 08:02 ހާއިރު ވަނީ ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށާފައެވެ.

ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 09:36 ހާއިރު، އެ ފަތުރުވެރިޔާގެ ހަށިގަނޑު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ވަނީ ފެނިފައެވެ.

އަދި، އެ މީހާގެ ހަށިގަނޑު، މިއަދު ހެނދުނު 09:47 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރ ކްރާފްޓަށް ނަގައި، މިހާރު ވަނީ ކްރޮސްރޯޑަށް ބާލާފައެވެ.