ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި މަންޒިލްތަކުގެ ލިސްޓުގައި ރަން އަކުރުން ނަން ފަވާލާފައިވާ ގައުމެކެވެ. ހިތްގައިމު ރީތި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މިގައުމު މަޝްހޫރު ވެފައިވަނީ ރީތި މޫދާއި ސާފު ގޮނޑުދޮށްތަކުގެ ސަބަބުންނެވެ. ގުދުރަތީ ރީތިކަމެއް ލިބިފައިވީނަމަވެސް، ސާފުތާހިރުކަންމަތީ އަހަރުމެންގެ ވެއްޓާއި، ދިރިއުޅޭ މާހައުލު ބެލެހެއްޓުމަކީ އެންމެންގެވެސް ޒިންމާއެކެވެ.

ނަމަވެސް، ރާއްޖޭގެ ވެރިރަށް މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުން ފެންނަ ހިތާމަވެރި މަންޒަރެއް އޮވެއެވެ. މަގުތަކުގެ ކަންމަތިތަކާއި، ޕާކްކޮށްފައިވާ ވެހިކަލްތަކުގެ ފުރަގަހާއި، އަދި ހުސް ބިންތަކަށް އަޅާފައިވާ ކުނި ގިނަކަމެވެ. ތަހުޒީބުވަމުން އަންނަ ދުނިޔެއެއްގައި މިފަދަ ނާތަހުޒީބު އަމަލުތައް ފެނުމަކީ ވަރަށްވެސް ލަދުވެތި ކަމެކެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ގިނަ ރަށްރަށުގައި އަމަލުކުރަމުން އައިސްފައިވާ ގޮތަކީ ގޭގެއިން އުކާލާ ކުނި މޫދަށް އެޅުމެވެ. ނަމަވެސް ރާއްޖޭގެ ރަށްރަށުގައި ޖަމާވެފައި ހުރި ކުނި ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ފަނާވާ ޒާތުގެ ކުނި ނޫން ބާވަތްތައް، ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތާލެވޭނެ ނިޒާމު އަތޮޅުތެރޭގައި ވަނީ ގާއިމްކުރަން ފަށާފައެވެ.

މިއިންތިޒާމްތައް ގާއިމްކުރި ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިމާ ދިރިއުޅޭ ރަށް ސާފުތާހިރު ރަށަކަށް ހެދޭނީ އެރަށެއްގައި ދިރިއުޅޭ ބައެއްގެ ސާފުތާހިރުކަން ހުރި މިންވަރަކުންނެވެ. މީގެ ހަފްތާއެއް ކުރިން ބ އަތޮޅު ދަރަވަންދޫއަށް ކުރި ޒިޔާރަތުގެ ތެރެއިން އަޅުގަނޑަށް ފެނިގެން ދިޔައީ އެފަދަ ނަމޫނާ މަންޒަރެކެވެ. ރާއްޖޭގެ އެހެނިހެން ރަށްރަށާ އަޅާބަލާއިރު، ރަށުގެ މާހައުލު އެހާމެ ސާފެވެ.

ތިމާވެއްޓާއި ރައްޓެހި ނިޒާމެއްގެ ތެރެއިން ކުނި ނައްތާލުމަށް ދަރަވަންދޫ ކައުންސިލުން ބޮޑު އަހައްމިއްޔަތުކަމެއް ދެއެވެ. ދަރަވަންދޫގެ މުނިސިޕަލް ސަރވިސްއާ ހަވާލުވެ ހުންނެވި އެރަށު ކައުންސިލް މެމްބަރު އަހުމަދު ޒަނީމް "ވީނިއުސް"އަށް ވިދާޅުވީ، މީގެ ގާތްގަނޑަކަށް 5 އަހަރު ކުރިން ފެށި މިމަސައްކަތް ފުރިހަމަކަންމަތީ ކުރިއަށް ގެންދިއުމަށް ކައުންސިލާއި ރަށުގެ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

އަޅުގަނޑުމެން އެންމެ ފުރަތަމަ މިކަން ފަށައިގަތީވެސް ވަރަށް ބޮޑު ކެމްޕެއިނަކާ އެއްކޮށް. ބޮޑު ޓީމެއް ނަގައިގެން ގޭބިސީތަކަށް ގޮސް މައުލޫމާތު ދީފަ، ކުނި މެނޭޖްކުރުމަކީ މިއީކަން ފުރަތަމަ އެބޭފުޅުންނަށް އަންގައިދިނީ. އެހިސާބުން މި މަސައްކަތް ފެށުނީ. އެހިސާބުން އަސްލު މިމަސައްކަތް ފެށިގެން މިދިޔައީ. މިކަމުގަ ރައްޔިތުންގެ ފަރާތުން ހަމަ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދޭ. އަޅުގަނޑު ދަންނަވާނީ ހަމަ ހަންޑްރެޑް ޕަސެންޓް ލިބެއޭ. ދަރަވަންދޫ ރައްޔިތުންނަކީ ލާމަސީލް ބަޔެކޭ.
ކައުންސިލް މެމްބަރު އަހުމަދު ޒަނީމް

ގޭބިސީތަކުން ނެރޭ ކުނި ނެގުމުގެ މަސައްކަތް ދަރަވަންދޫ "އީކޯ ސެންޓްރޯ" އިން ކުރާއިރު، ހުރިހާ ގެއަކުންވެސް ކުނި ނެރެނީ ކުނިވާޒާތުގެ ތަކެއްޗާއި، ޕްލާސްޓިކާއި އެހެނިހެން ޒާތުގެ ކުނި ވަކިކޮށްފައެވެ. ޒަނީމް ވިދާޅުވީ ކޮންމެ ގޭބިސީއަކުންވެސް ނެރޭ ކުނި ވަކިކުރުމުގެ އިރުޝާދު ކައުންސިލުން ގޭބިސީތަކަށް ދީފައިވާ ކަމަށާއި، ސާފުތާހިރުކަމާއެކު އެކުނި އީކޯ ސެންޓްރޯއާ ހަމައަށް ގެނައުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ވެހިކަލް ހަމަ ކޮންމެ ގޭބިސީއަކާ ހިސާބަށް ދާނެ. ގޮސް ކުނި ނަގާނީވެސް ވަކި ވަކީން. ގެނެސް މިކޮޅުގަ ރީސައިކަލް ކުރުމާއި ދެން ބަދިގެ ބާކީއާ ފަތްކުނީގެ ބައިތައް ވަކިކޮށްގެން އަޅުގަނޑުމެން މިކޮޅުން އެޕްރޮސެސް ކުރިއަށް ގެންދާނީ.
ކައުންސިލް މެމްބަރު އަހުމަދު ޒަނީމް

މީގެއިތުރުން، މުސްތަގުބަލުގައި މިނިޒާމް ފުޅާކުރުމަށް، ޓެކްނޮލޮޖީގެ ބޭނުންކޮށް، ފަތްކުނި ފަދަ ބާވަތްތައް އެންދުމުގެ ބަދަލުގައި އޭގެން ކާދު ހެދުންފަދަ ފައިދާހުރި ގޮތަކަށް ކުނި ނައްތާލުމުގެ ވިސްނުން ދަރަވަންދޫ ކައުންސިލުން ގެންގުޅެއެވެ.

ކައުންސިލުން މިމަސައްކަތަށް ކޮންމެ ގޭބިސީއަކުން ނަގަނީ 150 ރުފިޔާއެވެ. ކައުންސިލުން އިސްނަގައިގެން ރަށުތެރެ ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރާ މަސައްކަތް ރަށުގެ އާންމު ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. އަދި މިއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށް "ވީނިއުސް"އާ ވާހަކަދެއްކި އެރަށުގެ ރައްޔިތަކު ބުންޏެވެ.

ކުނި އުކާ ދިނުމަށް 150 ރުފިޔާ ނެގި ކަމުގައި ވީނަމަވެސް ވަރަށް ބޮޑު ލުޔެއް މިއީ. ކޮންމެ އެއްޗެއް ނެރެފަ ހުއްޓަސް އެއެއްޗެހި ވަކި ވަކީން ހުރި ކަމަށް ވަންޏާ އެމީހުން އެހުރިހާ ކުންޏެއް އެކޮޅުން ނަގާނީ ހޮނިހިރު ދުވަހު. މިކޮޅުން ނަގާނީ އާދިއްތަ ދުވަހު ބޮޑެތި ކުނި. އެނޫން، ޑަސްޓްބިން ދެން ދަޅު އެއްޗިހި ފުޅި، ބިއްލޫރިވެސް ހަމަ ވަކިކޮށްފަ ދަޅާއެކީ ދޮވެފަ މި ނަގަނީ. ދޮވެފަ ހިއްކާފަ ނެރުނީމަ އެމީހުން އެއްޗިހި ހަމަ ވަކި ވަކީން އެ ގެންދަނީ. އެގޮތަށް ވަރަށް ބޮޑު ލުއިފަސޭހައެއް މިއީ ރައްޔިތުންނަށް އަދި ލާރި ނެގި ކަމުގައި ވީނަމަވެސް.
މުނީރާ ހަސަން / ދަރަވަންދޫ ރައްޔިތެއް

ކުނި އުކާލުމުގެ މަސައްކަތަށް ބިދޭސީން ގެންގުޅޭ ކަމުގައި ވާނަމަ، އެމީހުން ބޭނުންތާކަށް އުކާލާ ކަމަށާއި، އެއުސޫލު ދޫކޮށް ތިމާވެއްޓާއި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ދަރަވަންދޫގައި ގާއިމްކުރުމަކީ ރަށަށާއި ރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދާ ރިވެތި ނަމެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެއެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ޒިޔާރަތްކުރަމުންދާ ދަރަވަންދޫއަށް ހިތްދަމައިގަންނަ މައިގަނޑު އެއް ސަބަބަކީ އެރަށުގެ މޫދާއި ގޮނޑު ދޮށުން އެއްވެސް ޒާތެއްގެ ކުނިބުނި ފެންނާން ނެތުމެވެ. ކުނި މެނޭޖުކުރުމަށް އެރަށުގެ ރައްޔިތުން ދޭ އަހައްމިއްޔަތުގެ ބޮޑުކަމެވެ. ސާފުތާހިރު ކަމަށް ކުރާ ލޯބީގެ މަތިވެރިކަމެވެ. ގޮނޑުދޮށާއި މޫދު ސާފުކޮށް ބެލެހެއްޓުމަށް ރަށުގެ ހުރިހާ ރައްޔިތުން ގުޅިގެން ކުރާ މިންނެތް މަސައްކަތެވެ.