ދިމަވާ ގޮންޖެހުންތައް ގިރާކޮށް މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކަންކަން ދާނީ ކުރިއަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު ފައްޔާޒް ކުރިއްވި ޓްވީޓެއްގައި ވަނީ، އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ އާންމު މެމްބަރުންނަށް އަރިސްކުރާ ކަމަށާއި، ދިމާވާ ކޮންމެ ގޮންޖެހުމެއްވެސް ގިރާކޮށް އެމްޑީޕީ ކުރިއަށްދާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރަސްމީކޮށް ހަވާލުވެވަޑައިގެންވީ މޭ މަހުގެ 23 ވަނަ ދުވަހުއެެވެ.

އެމްޑީޕީ ޗެއާޕާސަނަކު ހޮވުމަށް މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވި އިންތިޚާބު ފައްޔާޒް ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވައެވެ.

ފައްޔާޒަށް މި އިންތިހާބުގައި ޖުމުލަ 27،841 ވޯޓު ލިބުނު އިރު އިމްތިޔާޒަށް ލިބުނީ 20،425 ވޯޓެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ޕާޓީ ތެރޭގެ މަޝްރަހު ފެނިގެން ދިޔައީ ވަރަށް ގޯސްކޮށެވެ. ޕަޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދުނެވެ. އެއީ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްގެ ފެކްޝަނަކާއި، ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެކެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ޗެމްޕިއަން ކަމަށް ބުނަމުންދާ ޕާޓީގެ ތާރީހުގެ ސަފްހާގައި ލިޔެވިގެންދިޔަ ކަޅު ދުވަސްތަކެއްގެ ގޮތުގައި އެ ޕާޓީގެ ބައެއް މެމްބަރުން ފާހަގަކުރިއެވެ.

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު، އެމްޑީޕީ އަކީ މި ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަދި އެންމެ ބޮޑު އެ ސިޔާސީ ޕާޓީއެވެ. އެމްޑީޕީ ރަޖިސްޓްރީ ކުރީ 2005 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން އެ ޕަޓީގެ ރައީސް އަދި ރައްޔިތުންގެ މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިއަދު ޓްވީޓެ ކުރަވާފައެވެ. ނަޝީދުގެ ޓްވިޓްގައި ވަނީ ދިވެހިރާއްޖެ ބަދަލުކުރި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. "އްސަކޮށް ޓެކްސްގެ ނިޒާމެއް ތައާރަފްކޮށް ދައުލަތުގެ އާއްމުދަނީ އިތުރުކޮށް ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީ އިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.