ރާއްޖޭއިން ލިބޭ އެޑްވެންޗަރ އަދި ޑައިވް ތަޖުރިބާތައް އިންޑޮނީޝިއާ މާކެޓުގައި ޕްރޮމޯޓުކުރުމަށް އެ ގައުމުގެ މީޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ދަޢުވަތަކަށް ކުރާ ދަތުރެއް ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

އިންޑޮނޭޝިއާގެ މަޝްހޫރު ޕަބްލިކޭޝަންތަކުގެ ނޫސްވެރިން ހިމެނޭ މި ޓީމު ތިބެނީ ކުރަމަތި މޯލްޑިވްސް، ޕުލްމަން މޯލްޑިވްސް މާމުޓާ އަދި މާކުއާ މޯލްޑިވްސް ކޫއްޑޫ ރިޒޯޓުގައެވެ. މި ދަތުރުގެ ތެރެއިން ރާއްޖޭގެ ހޮސްޕިޓާލިޓީ، މި ރިޒޯޓުތަކުގެ ތަފާތު ހިދުމަތްތައް، އަދި ކެއުން ބުއިމާއި ފަތުރުވެރިން ޝައުގުވެރިވާފަދަ އެހެނިހެން ކަންތައްތައް މި ޓީމުން ތަޖުރިބާ ކުރާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.

މި ދަތުރަކީ ރާއްޖޭގެ ޑައިވްސެގްމެންޓް ޕްރޮމޯޓްކޮށް، ޑައިވް ފެސިލިޓީތަކާއި ރާއްޖެއިން ލިބެން ހުރި މިފަދަ ތަޖުރިބާތައް އިންޑޮނީޝިއާ މޭކެޓުގައި އިޝްތިހާރުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ދަތުރުގެ ތެރެއިން ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓަލްތަކާއި، ގެސްޓް ހައުސް ތަކާއި، ލިވަބޯޑުތައް ޕްރޮމޯޓް ކުރާނެއެވެ. އަދި ރާއްޖޭގެ ޖަޒީރާ ރަށްތަކާއި، ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓްގެ އިތުރުން، ރާއްޖޭގެ ރައްކާތެރިކަމާއި، އެކަހެރިކަން އިންޑޮނީޝިއާގެ ފަތުރުވެރިންނަށް އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރްސީ ބުނެއެވެ.

މި ދަތުރުގެ ތެރެއިންނާއި ފަހުންވެސް މި ޓީމުން ރާއްޖެއާ ބެހޭ ފޮޓޯ، ވީޑިއޯ އަދި އާޓިކަލްތައް ސޯޝަލް މީޑިއާ އާއި އެފަރާތްތައް ރަމްޒުކުރާ ޕަބްލިކޭޝަންތަކުގައި ޝާއިޢުކުރާނެއެވެ. އަދި އެ ޕޯސްޓްތައް އިންޑޮނީޝިއާގެ ދަތުރުކުރުމަށް ބޭނުންވާ 30 މިލިއަނަށްވުރެ ގިނަ ފަރާތަށް ފޯރާނެކަމަށް ބެލެވޭ ކަމަށް އެމްއެމްޕީއާރުސީ އިން މައުލޫމާތުދެއެވެ.

މިދަތުރަކީ އިންޑޮނޭޝިއާގެ މާކެޓަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ކުރިއަށް ގެންދާ ދަތުރެކެވެ. އެމްއެމްޕީއާރްސީ އިން ބުނީ މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖެއާމެދު ހޭލުންތެރިކަން އިތުރުކޮށް، މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލެއެެގެ ގޮތުގައި ޕްރޮމޯޓްކޮށް، އިންޑޮނޭޝިއާގައި ރާއްޖޭގެ ކަވަރޭޖް އަދި ޑިޖިޓަލް ވިޒިބިލިޓީ އިތުރުކުރުމަށް ކަމަށެވެ.

ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރު ރާއްޖެެއަށް އިންޑޮނޭޝިއާއިން 4000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، 2021 ވަނަ އަހަރު މި މާކެޓުން 950 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އިންޑޮނޭޝިއާއިން ރާއްޖެއަށް 365 މީހުން ޒިޔާރަތްކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީން ބުނީ މި މާކެޓުން ރާއްޖެ އަންނަ މީހުން އިތުރުކުރުމުގެ ގޮތުން އިންޑޮނޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކައަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީއިން ގިނަ މާކެޓިން ހަރަކާތްތައް ރާވަމުންދާ ކަަަމަށެވެ.

އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށްކުތެރޭގައި އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތެއް ހިންގާފައިވާ ކަމަށް އެމްއެމެޕީއަރްސީން ބުނެއެވެ. އަދި މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަން ތަކުގައި ބައިވެރިވުމުގެއިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައް ބޭއްވުންވެސް ހިމެނޭކަމަށް ބުނެއެވެ.